ރަމަޟާން މަހަކީ އެންމެ ބަރަކާތްތެރި އެއް މައްސަރެވެ. ﷲ ހަޒުރަތައް އިންސާނާ ކުރާ އަމަލުތަކުން ﷲ އަށްޓަކައި ކުރާ ހަމައެކަނި އަޅުކަމަކީ ރޯދައެވެ. އެހެން ކަމުން އެ ރޯދަ އޭގެ އެންމެ ރަނގަޅު ގޮތުގައި ހިފޭތޯ މަސައްކަތް ކުރަންވާނެއެވެ.

އެގޮތުން ރޯދައަށް ހުރުމަކީ ހަމަ އެކަނި ހާރުކާ ގަޑީ ކައިގެން ރޯދަ ވީއްލަންދެން ނުކައި ހުރުމަކުން ނިމޭނެ ކަމެއް ނޫނެވެ. އެއަކީ އެއަށް ވުރެ މަތިވެރި މާތް އަޅުކަމެކެވެ.

ރޯދަ މަހުގައި ﷲ ހަޒުރަތައް ކުއްތަންވެ ހެޔޮ އަމަލު ކުރުމުގައި އަވަސްވެ ގަންނަން ޖެހެއެވެ.

ރޯދަ ޚާއްޞަ ވުމާއި ޖަޒާ ލިބުމުގައި މިންގަނޑެއް ނެތުމުގެ ހިކުމަތްތަކާ ބެހޭ ގޮތުން ޢިލްމުވެރިން ވާހަކަ ދައްކަވާފައި ވެއެވެ. މިގޮތުން އެއް ކަމަކީ، އެހެނިހެން އަޅުކަންތަކުގައި ދެއްކުންތެރިކަން އެކުލެވުމުގެ ފުރުސަތު އޮންނަ މިންވަރަށް ރޯދައިގައި އެ ފުރުސަތު ނެތުމެވެ.

އިމާމް ޤުރްޠުބީ، ރަޙިމަހުﷲ، ވިދާޅުވާ ގޮތުގައި ރޯދަވެރިޔާ އަމިއްލައަށް ތިމަން މިހުރީ ރޯދައަށޭ ބުނުމުން ފިޔަވައި އެހެން އެއްވެސް އިންސާނަކަށް އޭނާ ހުރީ ރޯދަ އަށް ކަމެއް ވެސް ނޭނގޭނެއެވެ. އަދި އެހެން ބުނި ކަމުގައި ވިއަސް ރޯދައިގެ ހުރިހާ ވަގުތެއްގައި އެމީހަކާ އެކުގައި އުޅެގެން ނޫނީ އެކަން ކަށަވަރު ކުރެވޭނެ ގޮތެއް ވެސް ނޯންނާނެ އެވެ.

ސަލްމާނުލް ފާރިސީގެ ކިބައިން އިބުނު ޚުޒައިމާ އާއި، އިބުނު ޙިއްބާނާއި، އަލްބައިހަޤީ ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (ޝަޢްބާން މަހުގެ އެންމެ ފަހު ދުވަހު ތިމަންމެނަށް ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲގެފާނު ޚުޠުބާއެއް ދެއްވިއެވެ. 

އެޚުޠުބާގައި ޙަދީޘް ކުރެއްވިއެވެ. 

"[މީސްތަކުންނޭވެ! ބަރަކާތްތެރި މަތިވެރި މައްސަރެއް ތިޔަބައި މީހުންގެ މައްޗަށް ހިޔާ އަޅައިފިއެވެ. އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް އެމަހުގައިވާ މައްސަރެކެވެ. ދުވާލު ރޯދައަށް ހުރުން އެމަހުގައި ފަރުޟެއް ކަމުގައި ލެއްވިއެވެ. އަދި އެމަހުގައި ހެޔޮ ކަމަކާއިގެން ކުއްތަންވެއްޖެ މީހާ އެނޫން މަހެއްގައި ފަރުޟެއް އަދާކުރި މީހަކު ފަދައެވެ. އަދި އެއީ ކެތްތެރިކަމުގެ މަހެވެ. ކެތްތެރިކަމުގެ ޖަޒާއަކީ ސުވަރުގެއެވެ. އަދި އެއީ އެކަކު އަނެކަކަށް އެހީވުމުގެ މަހެވެ. އެމަހުގައި މުއުމިނުންގެ ރިޒުޤު އިތުރު ކުރައްވައެވެ. އެމަހުގައި ރޯދަވެރިޔަކަށް ރޯދަ ވީއްލާނޭ އެއްޗެއް ދީފި މީހާއަށް އޭނާގެ ފާފަތަކުގެ ކައްފާރާއެއް ކަމުގައި ވިއެވެ. އަދި އޭނާ ނަރަކައިން މުއްތި ކުރެއްވުމެއް ކަމުގައި ވިއެވެ. އަދި އޭނާއަށް، ރޯދަވެރިޔާއަށް ދަރުމަ ވާފަދައިން ދަރުމަވެއެވެ. ރޯދަވެރިޔާގެ ދަރުމައިން އުނި ކުރެއްވުމެއް ނެތިއެވެ.]"

 އަޞްޙާބު ބޭކަލުން ދެންނެވިއެވެ. [ރަސޫލު ﷲ ގެފާނެވެ! އަޅުގަނޑުމެން ކުރެ ކޮންމެ މީހަކީ ރޯދަވެރިޔަކަށް ރޯދަ ވީއްލާނޭ އެއްޗެއް ދެވޭ ފަދަ ތަނަވަސްކަން ހުރި މީހެއް ނޫނެވެ.] 

ސަލާމާއި ޞަލަވާތްލެއްވި ރަސޫލު ﷲ ގެފާނު ޙަދީޘް ކުރެއްވިއެވެ. 

"ރޯދަ ވީއްލުމަށް މީހަކަށް ކަދުރެއް ދީފި މީހާއަށް ނުވަތަ ބުއިމަށް ކިރު ކޯވަރެއް ދީފި މީހާއަށް ނުވަތަ ބުއިމަށް ފެންފޮދެއް ދީފި މީހާއަށް ﷲ މިދަރުމަ ދެއްވައެވެ."

އެހެންކަމުން މިފަދަ ހެޔޮ މައްސަރެއްގައި ބޭކާރު ވަގުތުތައް ދުއްވާ ނުލައި ހެޔޮ ކަންތަކާއިގެން އުޅެ އެހެން މީހުންނަށްވެސް އެ ހެޔޮ ކަންތައް ކުރުމަށް ހިތްވަރު ދޭށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *