އެއީ މީގެ 15 އަހަރު ކުރިއެވެ. ދިވެހިންނާ ބައްދަލުކުރި އެންމެ ހިތާމަވެރި އެއް ދުވަހެވެ. ދިވެހި ތާރީޚުގައިވެސް ބައްދަލު ކުރި އެންމެ ބިރުވެރި އެއް ދުވަހެވެ. ސުނާމީ ކާރިސާ އަހަރުމެން ތަޖުރިބާ ކުރި ވޭނާއި ކެކުޅުމުގެ އަޑުން މުޅި ޖައްވު ގުގުމާލި ދުވަހެވެ. އައު ދުވަހަކަށް އިރު އެރިއިރު މުޅި ދުނިޔެއަށް ދައްކަމުން ދިޔައީ ދިވެހިންގެ އެއްބައިވަންތަކަމެވެ. ދިވެހިންގެ އަޙުވަންތަކަމާއި އެހީތެރިވުމުގެ ރީތި މިސާލެވެ. ވަކި އުމުރެއް ވަކި ޖިންސެއް މިކަމުގައި އިސްތިސްނާއެއް ނުވެއެވެ. އެމީހަކަށް ވެވުނު މިންވަރަކުން ވެވުނު ގޮތަކުން އެހީތެރިވަމުންދިޔައެވެ. މަދަދުވެރިއަކު ނޫނީ ދޭހުން ނުފެނުނެވެ. ހިތް ހެޔޮކަމާއި ހިތްތިރިކަން މުޅި ދުނިޔެއަށް ހާމަކޮށްލައި އެ ދުވަހަކީވެސް އޭގެފަހުން އެއްބައިވަންތަކަމުގެ ދުވަސްކަމުގައި ފާހަގަ ކުރާ ދުވަސްކަމަށް ނިންމާ ފާހަގަ ކުރަމުން އަންނަމުއެވެ. ނަމަވެސް... ލެވެނީ އާހް.. ގެ ނޭވާއެކެވެ.

މީގެ ދެ ދުވަހެއްވަރު ކުރިން މީސްމީޑިއާގެ މަންސައެއްކަމުގައިވާ ފޭސްބުކްގައި ރައްޓެއްސަކު އޭނާއަށް ދިމާވި ކަމެއް ހިއްސާކޮށްފައި އޮއްވައި ދުށީމެވެ. މި ރަމަޟާންމަހު އަޞުރު ނަމާދަށްފަހު ފިނި ކޮށްލަން ރަށުގެ ހޮޅުއައްޓަށް ދިޔައިރު ފެނުނު މަންޒަރެކެވެ. އޭނާ ދިޔައިރު ދެ ބިދޭސީއަކު ފިނިކޮށްލަން އެތާ ޖައްސާލައިގެން ތިބި ކަމަށްވެއެވެ. އަދި އޭނާއާއި އެކުއެކީހެން އެތަނަށް ދެވުނު ހަރުފުރައިގެ ދެމީހުން އެ ދެ ބިދޭސީން އެތަނުން ފައްސައިލިކަމަށް އޭނާ ލިޔެފައި އޮތެވެ. ތަނުގައި އޮށޯވެލަން ނުވަތަ އިށީނދެލަން ޖާގަ ނެތީއެއް ނޫނެވެ. ބިދޭސީން ވީމާ ފަހާލީއެވެ. އެ މަންޒަރު އެ ޒުވާނާއަށް "ހަޖަމު" ނުވީއެވެ. "ހަރުމީހުން" ކަމަށް ބަލާ މީހުންގެ ފުށުން ފެނުނު މަންޒަރުން އެ ޒުވާނާ ހިތަށް ކެތް ނުވެގެން މީސްމީޑިއާއަށް ދޫކޮށްލީއެވެ. ދިވެހިންގެ އަހުވަންތަކަން ކޮބައިތޯ ސުވާލު ކުރުމަށްފަހުއެވެ.

ވިސްނާލަމާ ހެއްޔެވެ؟ މިއީ ރަމަޟާން މަހެވެ. އަޅުކަމާއި ތަޤުވާވެރިވުމުގެ މާތް މައްސަރެވެ. ކުށް ފާފަތައް އަފޫ ކޮށްދެއްވުން އެދި ދުޢާ ކުރުން ގިނަ ކުރާންވީ މަހެވެ. ހެޔޮ ނިޔަތުގައި ކުރެވޭ ކޮންމެ ކަމަކީ އަޅުކަމެއްކަމުގައި ވާއިރު ބިދޭސީންނާމެދު ދެކޭ ގޮތް ބަދަލު ކުރާނީ ކޮން އިރަކުން ހެއްޔެވެ؟ އޭގެ ތެރެއިން ގިނަ މީހުންނަކީ އަހަރުމެން ކަހަލަ މުސްލިމުންނެވެ. އެމީހުންވެސް ހިފަނީ ރޯދައެވެ. ތިބެނީ ނުކައެވެ. ވައި ޖައްސާލައި ހިތްހަމަ ޖައްސައިލަން ޖެހެނީ ހަމައެކަނި އަހަރުމެން ހެއްޔެވެ؟ ވަރުބަލިވާނީވެސް ހަމައެކަނި އަހަރުމެން ހެއްޔެވެ؟

އެއީ އަހަރުމެންގެ މަދަދުގާރުންގެ ގޮތުގައި އައިސް ތިބި އަހަރުމެންގެ އަހުންނެވެ. އެއިން ކޮންމެ މީހަކީވެސް އަހަރުމެންގެ ތެރެއިން ބައެއްގެ ބޭނުމެއް ފުއްދައިދޭ ބައެކެވެ. ދޭހާ އަތްވެއްގައި ވެހޭހާ ވާރޭގައިވެސް އަހަރުމެން ބުނެފިނަމަ މަސައްކަތް ކުރާނެއެވެ. އަހަރުމެންނަށް ހަޑިހެން ހީވާ މަސައްކަތްވެސް ހިނިތުންވެފައި އެހެރަ ކޮށްލަނީ އަހަރުމެންގެ ހައްގުގައެވެ. 

އިސްވެ ބަޔާން މި ކުރެވުނީ އެންމެ ހާދިސާއެކެވެ. އޭގެ ކިތައް ހާދިސާ ކޮންމެ ދުވަހަކު ހިނގާނެ ހެއްޔެވެ؟ މުސާރަ ނުދިނުމާއި، ޖަނަވާރުންވެސް ނިދަން ކަމުނުދާ ތަންތަނުގައި ނިންދެވުމާއި ކާން ނުދިނުމާއި ޗުއްޓީ ނުދީ މަސައްކަތް ކުރުވުމާއި، ހަޑި ހުތުރު ބަހުން މުހާތަބު ކުރުމާއި ގަނާ ކުރުމުގެ ޝިކާރައަކަށް ވެގެންދަނީ ކިތައް ކިތައް މީހުންތޯއެވެ؟

އަހަރުމެންގެ ދިވެހިންގެ ހުރި އަހުވަންތަކަމާއި އެއްބައިވަންތަކަން މިކަމުގައިވެސް ދައްކުވަން އެބަ ޖެހެއެވެ. މި ރާއްޖެ ރާއްޖެއަކަށް ހެދުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ އެއްބަޔަކީ ބިދޭސީން ކަމަށް ވީ ހިނދު އެމީހުންގެ މަސައްކަތުގެ އަގު ވަޒަންކޮށް އެކަށީގެންވާ ގޮތްތަކެއް އެކަށައަޅަން ޖެހެއެވެ. ދޭދޭ މީހުންގެ މެދުގައި އަހުންތަކެއް ގޮތަށް މުހާތަބުކުރަން ޖެހެއެވެ. އަހަރުމެން ޒުވާނުންނާއި ހަރުމީހުންގެ ފުށުން ފެންނަ ނޭދެވޭ މިފަދަ ކަންކަމުގެ ސަބަބުން ދެން އޮތް ޖީލު ޢަރަޤުވެގެން ދިޔުމަކީ ކިހާބޮޑު ދެރައެއްތޯއެވެ؟

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *