މާލެ ސިޓީގައި ޓެކްސީގެ ޚިދުމަތްދޭ ހުރިހާ ކާރުތަކެއްގެ ޑިޒައިނާއި ކުލަ އެއްވައްތަރުކުރަން ނިންމައިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވިދާޅުވެފައިވަނީ، މާލޭގައި ޓެކްސީގެ ޚިދުމަތްދޭ ގިނަ ކާރުތައް ހުރީ ވަރަށް ދުވަސްވެ ބާވެފައިކަމަށެވެ. އެހެންކަމުން މާލޭގައި ޓެކްސީގެ ޚިދުމަތްދޭ ހުރިހާ ކާރުތަކެއް ފަރުމާކޮށްފައިވާ ގޮތާއި އެ ޓެކްސީގައި ހުންނަ ކުލަ އެއްވަތަރުކޮށް، ބަދަލުކުރަން ނިންމައިފަައިވާކަމަށް އާދިލް ވިދާޅުވިއެވެ.
"ހަގީގަތަށް ބުނާނަމަ ލަދުގަންނަ ދަރަޖައިގައި ބައެއް ޓެކްސީތައް އެބަހުރި. ކިތަންމެ އަލަސް، ޓެކްސީތަކަކާއި ޕްރައިވެޓް ކާރަކާ ވަތްކެއް ނުވޭ. އެހެންވެ، އަޅުގަނޑުމެންގެ މަގްސަދަކީ މީހުން އަޅައިގަންނާނެ ފަދަ ގޮތަކަށް ޓެކްސީތަކަށް ބަދަލު ގެނައުން،" އާދިލް ވިދާޅުވި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވާ ގޮތުން ޓެކްސީތަކަށް ގެންނަން ނިންމައިފައިވާ ބަދަލުތަކާއި ބެހޭގޮތުން ޑްރައިވަރުންނަށް މައުލޫމާތު ހިއްސާކުރުން މި ރަމަޟާންމަހުގައި އޮންނާނެކަމަށާއި އެބަދަލުތަކަށް ކާރުތައް ފެއްތުމަށް އަހަރެއްހާ ދުވަހުގެ މުހުލަތު ދޭނެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ޓެކްސީތައް އެއް ފަރުމާއަކަށް ހުންނަ ނަމަ މޭލެ އަންނަ ފަތުރުވެރިންގެ އިތުރުން ދިވެހިންނަށްވެސް ލުއިވެގެންދާނެ ކަަމަށެވެ.
ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށްކަމަށްވާ މާލެ ސިޓީގައި ޓެކްސީގެ ޚިދުމަތްތައް ފޯރުކޮށްދޭ ކާރުގެ އަދަދު ވަރަށް ގިނައެވެ. ނަމަވެސް މިފަދަ ގިނަ ޓެކްސީތަކަކީ ގިނަ ދުވަސް ވުމުގެ ސަބަބުންނާއި ސަމާލުނުވުމުގެ ސަބަބުން ބާވެ، ބޭނުންކުރަން އުނދަގޫތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ. ޓްރާންސްޕޯޓު މިނިސްޓްރީއިން ގެންނަން މި އުޅޭ ބަދަލުތަކުގެ ސަބަބުން ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.