ޕާކިސްތާނުގެ ޤްވޭޑަރގެ ޕޯޓް ސިޓީގައި ހުންނަ މަޝްހޫރު ފައިވް ސްޓަރ ހޮޓަލެއް ކަމަށްވާ، ޕާރލް ކޮންޓިނެންޓަލް ހޮޓަލްއަށް ނިރުބަވެރި ހަމަލާތަކެއްދީ 5 މީހުން މަރައިލައިފައިވާކަމަށް އެ ގައުމުގެ މިލިޓަރީއިން ބުނެފިއެވެ.
ޕާކިސްތާނުގެ މިލިޓަރީއިން ބުނީ ހަތިޔާރު ހިފައިގެން ތިބި ތިން މީހުން ޕާރލް ކޮންޓިނެންޓަލް ހޮޓަލަށް ހަމަލާދޭން ވަތް މަގުމަތީގައި އެތާގެ ސެކިއުރިޓީ ގާޑްވެސް ވަނީ މަރައިލައިފައި ކަމަށެވެ.
މި ހާދިސާ ހިނގައިފައިވަނީ އިއްޔަ ހަވީރު ޕާކިސްތާނުގެ ގަޑިން 16:50 ހާއިރުގައެވެ.
ޕާކިސްތާނު ސަރުކާރުގެ މައި ހޮސްޕިޓަލުން ބުނިގޮތުން ހަމަލާގައި ފަސް މީހުން މަރުވެފައިވާއިރު ހަ މީހުން ވަނީ ޒަހަމްވެފައެވެ. ޒަހަމްވެފައިވާ މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ނަމަވެސް އަނެއް ފަސް މީހުން ވަނީ ނުރައްކަލުން ސަލާމަތްވެފައިކަމަށްވެސް ހޮސްޕިޓަލްގެ ޗީފް އަބްދުލް ލަތީފް ވިދާޅުވިއެވެ.
މިލިޓަރީއިން ބުނިގޮތުން ހަމަލާދިން ނިރުބަވެރިން ހޮޓަލަށް ވަނީ ގެސްޓުން މެރުމަށެވެ. ހޮޓަލުގެ މައި ހޯލުން ވަދެގެން އައި ވަގުތު ހޮޓަލްގެ ސެކިއުރިޓީ ގާޑް އެމީހުން ހުއްޓުވަން މަސައްކަތްކުރުމުން މަތީ ފަންގިފިލާތަކަށް އަރާ ސިޑިތަކާއި ދިމާލުން މިސްރާބު ބަދަލުކޮށްލުމަށްފަހު ބަޑި ޖަހަން ފެށިކަމަށް ވެއެވެ. އަދި ގާޑާއި ހޮޓަލްގެ އިތުރު 3 މަސައްކަތު މީހެއް މަރައިލިކަމަށް މިލިޓަރީން ބުންޏެވެ.
ޕާކިސްތާނުގެ ސިފައިންނާއި ފުލުހުން އަދި ކަމާއި ބެހޭ ފަރާތްތަކުން އައިސް ހޮޓަލުގެ ގެސްޓުންނާއި މަސައްކަތު މީހުން ހޮޓަލުން ނެރެދިނުމަށްފަހު 4 ވަނަ ފަންގިފިލާގައި ހަމަލާދިން މީހުން ބަންދުކުރިއެވެ.
ހަމަލާދިން މީހުންވަނީ ސީސީޓީވީ ކެމެރާތައް ޑިސޭބަލްކުރުމަށްފަހު އެ ފަންގިފިލާގެ ދޮރޯށިތަކުގައި ބޮން ހަރުކޮށްފައިކަމަށް މިލިޓަރީން ބުންޏެވެ.
ޕާކިސްތާނުގެ ސަލާމަތީ ބާރުތައް ޚާއްސަ ތަންތަނުން ވަދެގެން ހަތަރުވަނަ ފަންގިފިލާއަށް ވާސިލްވުމަށްފަހު ހަމަލާދިން މީހުންނާ ދިމާލަށް ބަޑި ޖެހިއެވެ. ބަދަލުގައި އެމީހުންވެސް ދިޔައީ ބަޑި ޖަހަމުންނެވެ. ނަތީޖާއެއްގެ ގޮތުން ހަމަލާ ދިން މުޅި ތިން މީހުން މަރުވިއެވެ.
މި ހާދިސާގައި ނޭވީ ސިފައިންގެ މީހަކު މަރުވިކަމަށާއި ސިފައިންގެ 4 މީހަކު ޒަހަމްވިކަމަށްވެއެވެ. އަދި ހަމައެހެންމެ ހޮޓަލުގެ މަސައްކަތު މީހުންގެ ތެރެއިން ވެސް 2 މީހަކު ވަނީ ޒަހަމްވެފައެވެ.
ޒަހަމްވީ މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.