ދިވެހިރާޢްޖެއިން ޔޫކޭއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު، ޑރ. ފަރަހަނާޒް ފައިސަލް، ނައިބު ރައީސް ފައިސަލް ނަސީމާއި ބައްދަލުކުރައްވައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުން ވިދާޅުވީ، މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި، ނައިބު ރައީސް އާއި ސަފީރު ވަނީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، އިނގިރޭސި ވިލާތާއި، ޔޫރަޕްގެ ގައުމުތަކާ ދެމެދުގައި ރާއްޖޭން އޮންނަ ގުޅުން ބަދަހިކުރުމާގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައިވާ ކަމަށެވެ.
އެގޮތުން ޑރ. ފަރަހްނާޒް ވަނީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މަސައްކަތްތަކުގެ ޚުލާސާއެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ޑރ. ފަރަހްނާޒް ވަނީ, ޞިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން، ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދުގައި ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ މަގުތައް ފަހިކުރެއްވުމަށާއި، ޔޫރަޕް ސަރަޙައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް އެމްބަސީއިން މަސައްކަތްކުރައްވާކަން ފާހަގަ ކުރައްވާފައެވެ.