ސަރުކާރުގެ އޮފީސްތަކަށް ކަނޑައަޅާފައި އޮންނަ ބަޖެޓަށް ވުރެ އިތުރަށް ހޭދަކުރާނަމަ ރައީސުލްޖުމްހޫރިއްޔާގެ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ "ބަޖެޓް ބައިކުރުމާއި އެއް ބައިން އަނެއް ބަޔަކަށް ބަދަލުކުރުމުގެ އުސޫލު"ގައިވާ ގޮތުން މިނިސްޓްރީ އަކަށް ނުވަތަ މުއައްސަސާ އަކަށް ދައުލަތުން ކަނޑައަޅާ ބަޖެޓަށް ވުރެ އިތުރަށް ބޭނުން ކުރުމަށް ފިނޭންސް މިނިސްޓަރަށް ހުއްދަ ދެވޭނީ ފަސް ޕަސެންޓު ބޮޑު ކުރުމަށެވެ. 

އަދި އެއަށްފަހު އިތުރު މަޝްރޫއެއް ހިންގާނަމަ އެ މަސައްކަތެއް ކުރުމަށްޓަކައި ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާގެ އިތުރުން ފައިސާ ހޭދަ ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ހުއްދައެއް ހޯދުމަށް ފަހު ކަމަށް އާ އުސޫލުގައި ކަނޑައަޅާފައި ވެއެވެ.

މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރަށް ފާސް ކުރާ ދައުލަތުގެ ބަޖެޓުންނެވެ. އެގޮތުން ބަޖެޓު އެކުލަވާލުމުގައި ކޮންމެ އިދާރާއަކުން ވެސް ހާއްސަ ކަންތައްތަކަށް ސަމާލުވާން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މިފަދަ އުސޫލެއްގެ އެންމެ ބޮޑު މަގްސަދަކީ، ސަރުކާރުގެ އިދާރާތަކުން ކުރާ ހަރަދުތަކަކީ ޕްލޭނާ އެއްގޮތަށް ކުރާ ހަރަދުތަކަށް ހެދުމެވެ. އަދި މާލީ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓު، ތަންފީޒު ކުރުމުގައި ފާސްކޮށްފައިވާ މިންވަރަށް ވުރެ އިތުރު ނުކުރުމާއި ވަކި ކަމަކަށް ހަރަދެއް ކުރުމަށް ކަނޑައަޅައިފި ނަމަ އެކަމަކަށް ހަރަދު ކުރުމަށް ހިތްވަރު ދިނުމެވެ.

މިހާރު އޮންނަ ގޮތުން ބަޖެޓެއް އޮތް ނަމަވެސް، އެ މިނިސްޓްރީއަކުން ބޭނުންވާ ހަރަދެއް ވަކި ހާއްސަ ހުއްދައެއް ހޯދުމަކާ ނުލައި ކުރެވޭނެ އެވެ. އަދި ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ވެސް ފައިސާ ހަރަދު ކުރުމުގެ ފުރުސަތު އޮވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *