މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އެޕްރީލް މަހު 1.31 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
މީރާއިން ހާމަކުރި ގޮތުގައި މިދިޔަ އަހަރުތަކާއި ބަލާފަ މި އަހަރުގެ މި މުއްދަތާއި ހިސާބަށް ލަފާކުރި އަދަދަށްވުރެ 6.3 ޕަސެންޓް އިތުރަށް ވަނީ އާމްދަނީ ލިބިފައެވެ.
އޭޕްރީލް މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ، އާއި ޖީޖީއެސްޓީ އާއި ބީޕީޓީ އަދި ރިޒޯޓު ކުލީގެ ގޮތުގައި ދައްކަންޖެހި ނުދައްކާހުރި ފައިސާ އެ މަހުގެ ތެރޭގައި ދައްކާފައިވުމެވެ.
އެޕްރީލް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީ އެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 875.69 މިލިއަން ރުފިޔާ ލިބިފައިވާއިރު، ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނު، ގްރީން ޓެކުހުން ލިބިފައިވަނީ، 83.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އަދި ހަމަ އެހެންމެ، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 70.65 މިލިއަން ރުފިޔާ، އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 70.13 މިލިއަން ރުފިޔާ، ބީ.ޕީ.ޓީގެ ގޮތުގައި 69.72 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 135.88 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 55.9 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް މީރާއިން ވަނީ ބުނެފަ އެވެ.
ވޭތުވެދިޔަ އަހަރުގެ އެޕްރީލް މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ އޭޕްރީލް މަހުގެ އާމްދަނީ އިތުރުވެފައިވަނީ، ބައެއް ޓެކުހުގެ ގޮތުގައި ދައްކަންޖެހި ނުދައްކާހުރި ފައިސާ ޓެކްސް ދައްކާ ފަރާތްތަކުން މި މަހުގެ ތެރޭގައި ދައްކާފައިވާތީކަމަށް ވެސް މީރާާއިން ބުންޏެވެ.