ފޯނު މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތަށް ދިރާގުން ތައާރަފުކޮށްފައިވާ "ދިރާގު ޕޭ" ގެ ހިދުމަތް މާރުކޭޓުގެ ގޮޅި ތަކަށް ތައާރަފު ކުރަން ފަށައިފި އެވެ.

"ޑިޖިޓަލް ވޮލެޓް" ގެ ގޮތުގައި ދިރާގުން ތައާރަފުކޮށްފައިވާ މޮބައިލް ޕޭގެ ހިދުމަތް ފުރަތަމަ ތައާރަފުކޮށްފައިވަނީ މާރުކޭޓު ހަ ނަމްބަރު ގޮޅި އަށެވެ. މީގެ އިތުރުން އަމީނީ މަގުގައި ހުންނަ މާރުކޭޓުގެ ގޮޅިއަކަށް ވެސް ވަނީ މި ހިދުމަތް ދީފަ އެވެ.

ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކާ ލޯކަލް މާރުކޭޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ އެސިސްޑެންޓް މެނޭޖަރު، އެޑްވަޓައިސިން އެންޑް އިވެންޓްސް ހަސަން ޝާރިހު އާދަމް ވިދާޅުވީ, މިހާރު މޮބައިލް ފޯނު މެދުވެރިކޮށް ނަގުދު ފައިސާ ބޭނުން ނުކޮށް ފަސޭހައިން ފައިސާ ދެއްކޭނެ ކަމަށެވެ.

ލޯކަލް މާރުކޭޓުގައި ދިރާގު ޕޭގެ ހިދުމަތް ގާއިމްކުރީ ޕްރޮމޯޝަނަކާ ވެސް އެކުގަ އެވެ. އެގޮތުން ލޯކަލް މާރުކޭޓްގެ އެ ގޮޅިންނާއި އަމީނީ މަގުގައި ދިރާގު ޕޭއަށް ހާއްސަކޮށްފައިވާ ފިހާރައިން 150ރ. އަށް ވުރެ މަތީ ވިޔަފާރިއެއް ކުރާ މީހުންނަށް ކަރާ ކިލޯއެއް ހިލޭ ލިބެ އެވެ.

"މިހާރު ތިޔަ ބޭފުޅުން ބައްލަވައިގަންނަން ބޭނުންވާ އެއްޗެއް ގަތުމަށް ކިއުއާރް ކޯޑް ސްކޭން ކުރުމަށް ފަހު ފޮނުވާލުމުން މާޗެންޓުގެ އެކައުންޓަށް އެ ފައިސާ ދާނެ. އެހިސާބުން ޕޭމެންޓް ދައްކާ ނިމުނީ،" އޭނާ ވިދާޅުވި އެވެ.

ދިރާގު "ޑިޖިޓަލް ވޮލެޓް" ގެ ހިދުމަތް ހޯދަން ފުރަތަމަ ޖެހޭނީ އެކަމަށް ރަޖިސްޓްރީ ކުރާ ށެވެ. އަދި އެ އަށްފަހު "ދިރާގު ޕޭ" އެޕްލިކޭޝަން ފޯނަށް އަޅައިގެން ފައިސާ ދެއްކުމާއި ފައިސާ ފޮނުވުން އަދި ނެގުމުގެ ހިދުމަތް ލިބޭނެ އެވެ. ފައިސާ ދެއްކޭނީ ދިރާގު މޮބައިލް ޕޭގެ ހިދުމަތަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުނެވެ. މި ގޮތުން މި ހިދުމަތް ދޭން ރާއްޖޭގެ އެކި ހިސާބުތަކުގައި އެޖެންޓުންނަށް ވަނީ ކަނޑައަޅާފަ އެވެ.

ދިރާގު މޮބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް މުހައްމަދު ނައުޝާން ވިދާޅުވީ ދިރާގު ޕޭ ނުވަތަ ޑިޖިޓަލް ވޮލެޓް ހާއްސަ ވަނީ ކުދި އަދަދު ތަކުން ފައިސާ ދައްކާ ފަރާތްތަކަށް ކަމަށެވެ.

ދިރާގު ޕޭ ހިދުމަތް ކުރިއަށް އޮތް ތަނުގައި ފުޅާކުރަން ވަނީ ނިންމައިފަ އެވެ. މިހާރު ވެސް އެޗްއައިއެޗް ފަދަ ރެސްޓޯރެންޓްތަކުން ދިރާގު ޕޭ ބޭނުންކުރެވެ އެވެ. މި ވަގުތު ދިރާގު ޕޭގެ ހިދުމަތް ފޯރުކޮށްދޭ މާޗެންޓުންގެ އަދަދު 170 އަށް ވުރެ ގިނަ އެވެ. އަދި 60 އަށް ވުރެ ގިނަ އޭޖެންޓުން މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *