މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބަސްތަކުގައި ކެމެރާ ހަރުކުރާ ގޮތަށް އެކުންފުނިން ނިންމައިފިއެވެ.
އެމްޓީސީސީން ވިދާޅުވީ، ބަސްތަކުގައި ކެމެރާ ހަރުކޮށް އެ ބަސްތައް ދުއްވާ ވަގުތު ބަސް ޑްރައިވަރުންގެ ހަރަކާތްތައް މޮނީޓާ ކުރަން ނިންމައިފައިވާ ކަމަށެވެ.
"މިހާރު މިދަނީ އެކަމަށް ބޭނުންވާ އެސެސްމަންޓްތައް ހަދައި އައިޓީ ސެކްޝަނާއެކު ވާހަކަތައް ދައްކަމުން. އަވަސް މުސްތަގުބަލެއްގައި އެކަން ފެށުމަށް މި އުޅެނީ،" އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވިއެވެ.
"މިހާރު އެބަބަލަން ބަސް ޑްރައިވަރުންގެ ޕޮލިސް ރެކޯޑްތަކާ އެމީހުންގެ ޑްރައިވިން ލައިސަންވެސް ވެރިފައި ކުރުމުގެ މަސައްކަތް. އަދި އޭގެ އިތުރުން ޑްރައިވަރުން އެމީހުން ވަޒީފާ އަދާކުރުމަށް ފަހު ވަގުތު ހޭދަ ކުރަނީ ކިހިނެއްތޯ. އެބަހުރި މައުލޫމާތު ލިބިފައި ބައެއް ޑްރައިވަރުން ޕާޓް ޓައިމް މަސައްކަތް ކުރާ ކަމުގެ." ޝާހު ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި ވަނީ ބަސް ޑްރައިވަރަކަށް ނިދި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޓޫރިސްޓަކު މަރުވެފަ އެވެ. މީގެ ތިން ދުވަސް ކުރިންވެސް ވަނީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިޖެހިގެން ވެސް އެކްސިޑެންޓެއް ހިނގާފަ އެވެ.