މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ފަސް ކުންފުންޏަކަށް ދީ، އެ ކުންފުނިތަކުގެ ނަންތައް އިއުލާންކޮށްފިއެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި އިސްލާމިކް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މިނިސްޓްރީން ވިދާޅުވީ، ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި 18 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހެޅިކަމަށެވެ. އަދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ހުށައެޅުމުން އެތަނުން ހަ ޕްރޮޕޯސަލް ޑިސްކޮލިފައި ކުރި ކަމަށާއި، އަދި ބާކީ 12 ކުންފުނީގެ ތެރެއިން ފަސް ކުންފުންޏެއް ކަނޑައަޅާފައިވަނީ ޕޮއިންޓު ދިނުމަށް ފަހު ދަރަޖަ ކޮށްގެން ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުގެ އިތުރުން މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ފަސް ކުންފުނި:
- ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް،
- ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓޭޑް،
- މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް،
- އެކްރޯ ޕްރައިވެޓް ލިމިޓޭޑް، އަދި
- އަލް ހަރްމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް.
"އިވެލިއުއޭޓް ކުރިއިރު އަޅުގަނޑުމެން މިވަނީ ތިން ދާއިރާއަކަށް މާކްސް ދީފައި. އެއީ ހައްޖަށް މީހުން ގެންދިއުމަށް ރައްޔިތުން އަތުން ނަގައި ފައިސާ އަގަށް 35 އިންސައްތަ. ހިދުމަތަށް 60 އިންސައްތަ އަދި ކުންފުނިތަކަށް މިކަން ކުރުމަށް ހުރި ތަޖުރިބާއަށް ފަހެއް އިންސައްތަ،" އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވިއެވެ.