މުޖުތަމައުގައި ތިމާއަކީ ބަސްވިކޭ ގަދަރުވެރި މީހަކަށް ވާން ކޮންމެ މީހެއްވެސް ބޭނުން ވާނެއެވެ. މިކަމުގައި ބޭނުންވާނީ އަމިއްލަ ގަބޫލުކުރުންތަކާއި ދެކޭ ދެކުންތަކެވެ. ސަބަބަކީ ކޮންމެ ނަފްސެއްވެސް އެ ނަފްސެއްގެ އަގު މައިތިރި ކުރަން އެ ގެންގުޅޭ އުކުޅު ތަފާތުވާނެތީއެވެ.

އެކި މީހުން ތިބާ އަގު ކުރާނީ އެކި ގޮތަށެވެ. އެއީ އަދި މައްސަލައެއްވެސް ނޫނެވެ. ދުނިޔެމަތީގައި އެކި މީހުން އެކި ގޮތްގޮތަށް އަމިއްލަ ނަފްސުގެ އަގު ހިފަހައްޓަން އުޅެއެވެ. އެގޮތުން އެއްބަޔަކު އެބައިމީހުންގެ ބުރުސޫރައިގެ ރީތިކަމަށް އެހެންމީހުންގެ ތަޢުރީފުހޯދަން މަސައްކަތް ކުރާއިރު، އަނެއް ބަޔަކު މަސައްކަތްކުރަނީ އެބައިމީހުންގެ މިލްކިއްޔާތުގައިވާ އަގުބޮޑު މުދާފަދަ ތަކެއްޗަށް މީހުންގެ މަދަހަ ސަނާ ހޯދާށެވެ. އަދި ބައެއް މީހުންގެ ގާތުގައި އެބައިމީހުންގެ ޤަދަރާއި ޢިއްޒަތްވަނީ ދިރިއުޅޭ ގޭގެ އުސްމިނާއި ޒަމާނީވަންތަކަމާއި ގުޅިފައެވެ. ނުވަތަ އޭނާގެ މާލީ ތަނަވަސްކަމާއި ގުޅިފައެވެ. ނުވަތަ އަދާކުރާ ވަޒީފާއާއި ގުޅިފައެވެ.

މިފަދައިން ހަމަ ބައެއް މީހުން މީސް މީޑިއާގައި ލިބޭ ލައިކްސްތައް އިތުރުވެ އެ ފޮޓޯތަކަށް ކޮމެންޓްކުރާ ކުދިން ގިނަވުމުން އެދެން އެއީ ތިމާގެ އަގު މަތިވީ ކަމުގައި ދެކެއެވެ. ކޮންމެއަކަސް، މީ އަޅުގަނޑުމެން ތެރެއިން ގިނަމީހުން އެބައިމީހުންގެ ނަފްސުގެ އަގު މިންވަރު ކުރާ ގޮތެވެ. ތިބާގެ ކަންބޮޑުވުންތަކުގެ ބޮޑު ކުޑަމިންވެސް ބިނާވެފައިވަނީ މިދެންނެވި މިންގަނޑުތަކުގެ މައްޗަށެވެ. މިގޮތުން މުއްސަނދިވެގެން އެބައިމީހުންގެ ޤަދަރުމަތިކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ އާމްދަނީ މަދުވާނަމަ ސްޓްރެސްވާލެއް ބޮޑުވާނެއެވެ. މަޝްހޫރުވާން ބޭނުންވާ މީހަކަށް ލިބޭ ލައިކްސް މަދުވާން ފަށައިފިނަމަ، އޭނާގެ ހާސްވުން އިތުރުވާނެއެވެ.

އެހެންކަމުން ހާސްކަމާއި ކަންބޮޑުވުން ކުޑަކުރަން ބޭނުންނަމަ، މާއްދީ ތަކެއްޗާއި ތިބާގެ ޤަދަރާއި ޢިއްޒަތް ގުޅުވުމުން ދުރުވާން ޖެހެއެވެ.

މީސްތަކުންގެ ތަޢުރީފު ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި ތިމާއަށް ލިބިފައިވާ ނިޢުމަތްތަކުގެ ބޭނުންހިފައިގެން ތިބާގެ ވެރި ރައްބުގެ ރުއްސެވުން ހޯދަން މަސައްކަތްކުރާނަމަ މިދެންނެވިފަދަ ކަންބޮޑުވުންތަކެއް ކުރިމައްޗެއް ނުވާނެއެވެ.

ތިބާއަށް ލިބިފައިވާ ނިޢުމަތްތަކުގެ ބޭނުންކޮށް، ﷲގެ ރުއްސެވުން ހޯދަން މަސައްކަތްކުރަން ފެށުމުން، ތިބާގެ ހާސްވުންތައް ކުޑަވެ، ހިތަށް ތަސައްލީ ލިބިގެންދާނެއެވެ. އެކަލާނގެއީ އެންމެ އޯގާވަންތަ އަދި ހިސާބު ބެއްލަވުމުގައި އެންމެ ޢަދުލުވެރި ކަލާނގެއެވެ. އެއާއިޚިލާފަށް، ތިބާގެ ހުރިހާވެސް ވިސްނުމެއް ހުއްޓިފައިވަނީ މީސްތަކުންގެ ރުހުންހޯދުމަށް ކަމުގައިވަނީނަމަ، ތިބާ އަބަދުވެސް ވާނީ ދެމިގެންވާ ކަންބޮޑުވުމަކާއި ހާސްވުމެއްގެ ތެރޭގައެވެ.

ﷲ ތަޢާލާގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ އެންމެ ތަޤްވާވެރިވީހާއެވެ.

ތިބާގެ އަގު ވެއްޓޭނެހެން ހީވާފަދަ ކަމެއް ކުރުމަށް މީހަކު ބުނެއްޖެ ހިދެއްގައި އެކަމަށް ނޫނެކޭ ބުނާށެވެ. އެއްވެސް އެހެން މީހަކަށް ތިބާގެ ނަފްސަށް ބާރު ފޯރުވަން ފުރުސަތު ނުދޭށެވެ. ކަންތައް ވިސްނައި ގޮތް ނިިންމާނީ ވަރަށް ވެސް ވިސްނާފައެވެ.

ބުއްދިވެރިންގެ ގޮތަކީ ޙަޔާތުން ފާއިތުވެދާ ކޮންމެ ދުވަހެއްގެ ހިސާބު އެދުވަހަކު ބަލައި، ކޮންމެ ދުވަހެއްގައިމެ ތިމާއަށް ކުރެވިފައިވާ ކަންކަމާމެދު ވިސްނައި ފިކުރުކޮށް ހެދުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *