ކޮޅުމަޑުލު ވަންދޫ އިންޖީނުގޭގައި ހުރި ޖަނަރޭޓަރުތައް ހަލާކުވެ, މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ވަންދޫ ކައުންސިލްގެ ނައިބު ރައީސް ސިޔާޒް އިބްރާހިމް ވިދާޅުވީ، މިއަދު ހެނދުނު 9:00 އަކުން ފެށިގެން އެރަށުގެ ހުރިހާ ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

"މިއަދު 9:00 އަކުން ފެށިގެން މުޅި ރަށުން މިވަނީ ކަރަންޓު ކެޑިފައި. ކަރަންޓު ކެނޑިފައިވަނީ ރަށުގައި ހުރި ޖަނަރޭޓަރުތައް ހަލާކުވުމުން. ވަރަށް ދުވަސް ވެފައި ހުރި ޖަނަރޭޓަރުތަކެއް ރަށުގައި ހުރީ" ސިޔާޒް ވިދާޅުވިއެވެ.

ހަތަރު ސަރޭކަ މީހުންގެ އާބާދީއެއް އޮންނަ ވަންދޫއަށް ކަރަންޓް ފޯރުކޮށްދެނީ 160 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި، 108 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެންނެވެ.

"ރަށުގައި މިހުންނަނީ 108 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި 160 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް. 108 ކިލޯގެ ޖަނަރޭޓަރުން މުޅި ރަށަށް  ބޭނުންވާ ކަރަންޓް ފޯރުކޮށްނުދެވޭ. އެކަމު 160 ކިލޯ ވޯޓުގެ އިންޖީނުން މުޅި ރަށަށް ކަރަންޓް ފޯރުކޮށްދެވޭ. މިއަދު ހަލާކުމިވީ 160 ވޯޓުގެ އިންޖީނު." ޝިޔާޒް ވިދާޅުވިއެެވެ.

ސިޔާޒް ވިދާޅުވީ، ރަމަޟާން މަސް ފެށުން ފަހުން ރަށުގެ ކަރަންޓުގެ ހާލަތު ވަރަށް ދައްކަމަށާއި، އެގޮތުން އިއްޔެ އެކަނިވެސް އެތައް ފަހަރަކު ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

"ރަމަޟާން ފެށުން ފަހުން މީ މިރަށުގެ ކަރަންޓުގެ ހާލަކީ. އިއްޔެވެސް އެތައް ފަހަރަކު ކަރަންޓް ކެނޑުން، އޭގެ ކުރިން ދުވަހުވެސް ފަންސަވީހަކަށް ފަހަރު ކަރަންޓު ކެނޑުން" ޝިޔާޒް ވިދާޅުވިއެވެ.

ޝިޔާޒް އިތުރަށް ވިދާޅުވީ، އިރުއިރުކޮޅާ ރަށުން ކަރަންޓް ކެނޑުމުގެ ސަބަބުން ރަށުގެ ބައެއް ގެތަކުގައި ބޭނުން ކުރާ އިލެކްޓްރޯނިކް ސާމާނުތަކަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ވަންދޫއިން "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދިން ރައްޔިތަކު ބުނީ ރަމަޟާން މަހަކީ ކަރަންޓް ގިނައިން ބޭނުން ކުރާ މަހަކަށް ވުމުން އެގޮތައް ކުއްލި ކުއްލިއަށް ކަރަންޓް ކެނޑި އަދި މިހާރު މުޅި ރަށުން ކަރަންޓް ކެނޑުމުން ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ ދެ ދަރިން ތިބޭ. އެކުދިން ސްކޫލަށް ގޮސް ތިބެން މިޖެހެނީ ހޫނުގައި، ކަރަންޓެއް ނެތް. މީ ރޯދަމަސް. ކަރަންޓް އިންތިޙާއަށް ބޭނުންވޭ." އޭނާ ބުންޏެވެ.

ވަންދޫ ކައުންސިލުން ބުނީ އެރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް ފޮނުވަން ޖެހޭ ހުރިހާ ލިޔެކިޔުންތަކާއި ފޯރުކޮށްދޭން ޖެހޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި އެރަށަށް އަލުން ކަރަންޓް ދެވޭނެ އިރެއް ނޭނގޭ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *