ދިވެހިންގެ އެންމެ ކުރީގެ އުޅުމަށް ބަލާއިރުވެސް ދިވެހިންގެ ގައުމީ ގަސް، އާދެ! ރުކަކަކީ ދިވެހިންގެ އެންމެހައި ޒަރޫރީ ބޭނުންތަކާއި ގުޅިލާމެހިފައިވާ ގަހެކެވެ. ކެއިންބުއިމުން ފެށިގެން ގެދޮރު ބިނާކުރުމާއި ހަމައަށްވެސް ރުކުގެ ކޮންމެވެސް ބައެއް ބޭނުންކުރުމަކީ ކޮންމެހެން ލާޒިމްކަމެއް ކަމަށް ދިވެހިން ދެކެއެވެ. ކާށިތެލަކީވެސް ދިވެހިންނަށް އާ އެއްޗަކަށް ނުވާނެކަންް ޔަގީނެވެ. އެއީ ޒަމާނުއްސުރެ އެކިއެކި ބޭނުންތައް ހިފުމުގައި ދިވެހިން ބޭނުންކުރާ ތެލަކަށް ކާށިތެޔޮ ވުމުންނެވެ. ކާށިތެލަކީ ނަލަވުމުގައި ތަފާތު ގޮތްގޮތުން ބޭނުން ހިފިދާނެ އެއްޗެއްކަން އެނގޭހެއްޔެވެ؟
ދިވެހިންގެ ތެރޭގައި މިހައި ޢާންމު ތެލެއްގެ ބޭނުން ބޭރު މީހުންނަށް ވަރަށް ބޮޑެވެ. އޭގެ ތެރެއިން ނަލަވުމަށް އެމީހުން ކާށިތެލުގެ ބޭނުން ހިފާ ބައެއް ގޮތްތައް ބަޔާންކޮށްލަމެވެ.
ލިޕް ގްލޮސް
ތުންފަތް އޮމާންކޮށާއި މަޑުކޮށް ބެހެއްޓުމަށް ފާޑުފާޑުގެ އަގުބޮޑު ގްލޮސްތަކާއި ލިޕް ބާމްތައް ގަތުމަކީ އަންހެނުން ވަރަށް ގިނައިން ކުރާ ކަމެކެވެ. ނަމަވެސް ކާށިތެޔޮކޮޅެއް ތުންފަތުގައި ހާކައިގެންވެސް މަޑު، އޮމާން ތުންފަތެއް ހޯދިދާނެއެވެ. ކާށިތެޔޮ ތުންފަތުގައި ހޭކުމުން ތުންފަތް ކުރަކިވެ، ހަންފޮޅުމުން ދުރުކޮށްދެއެވެ.
ހަށިގަނޑުގައި އުނގުޅުމަށް
ކާށިތެލަކީ ހަށިގަނޑުގެ ބޭރުފުށް ސާފުކޮށް ދިނުމުގައި މީހުންގެ މަގުބޫލުކަން ހޯދައިފައިވާ އެއްޗެކެވެ. މިގޮތުން ހަންގަނޑުގައި މަރުވެފައިވާ ސެލްތަކާއި، ހަރުލާފައިވާ ޖަރާސީމާއި ހިރަފުސް ފަދަ ތަކެތި ނައްތާލުމަށް ކާށިތެޔޮ އެހީވެދެއެވެ. ޒުވާންކަން މަތީގައި ހަންގަނޑު ދަމަހައްޓަން ބޭނުންނަމަ ކާށިތެޔޮ ފޮދަކާއި ހަކުރުކޮޅެއް ނުވަތަ ލޮނުކޮޅެއް އެއްކުރުމަށްފަހު ފެންވަރާ ވަގުތުގައި ނަމަވެސް ގައިގައި އުނގުޅާށެވެ.
ދަތްތައް ހުދުކުރުމަށް
ދަތްތައް ހުދުކުރަން ބޭނުންނަމަ ބޭނުންކުރަންވީ ކާށިތެލެވެ. ސާފު ރީތި ދަތްޕިލައެއް ބޭނުންނަމަ ކޮންމެހެން އަގުބޮޑު އުފެއްދުންތަކާއި ބްލީޗްކުރާ ބޭސްތައް ދަތުގައި އަބަދު އުނގުޅުން މަޖުބޫރެއްނޫނެވެ. ރައްކާތެރި، އަގުހެޔޮ އުފެއްދުމެއް ބޭނުންކޮށްގެން ދަތްތައް ހުދުކުރަން ބޭނުންނަމަ ބޭނުންވަނީ ހަމައެކަނި ކާށިތެޔޮ ފޮދެކެވެ.
މޫނުގައިވާ ކޮސްމެޓިކްތައް ފިލުވުމަށް
މި ޒަމާނަކީ އަންހެނުން، ނަލަވުމަށްޓަކައި އެމީހުންގެ މޫނުގައި ފާޑުފާޑުގެ މޭކަޕް ސާމާނު އުނގުޅާ ޒަމާނެކެވެ. މިފަދަ މޭކަޕްގެ އުފެއްދުންތަކަކަކީ ކެމިކަލްތައް އެކުލަވައިގެން ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. މިފަދަ މޭކަޕްތައް މޫނުގައި ތަތްލުމުން އެ ފިލުވަންވެސް ގިނަފަހަރު ބޭނުންކޮށްއުޅެނީ ހަމަ ނުރައްކާތެރި ކެމިކަލްތައް ބޭނުންކޮށްގެން އުފައްދައިފާ ބާވަތްތަކުގެ މޭކަޕް ރިމޫވަރ ތަކެވެ. ކާށިތެޔޮ ބޭނުންކުރުން މާ ބުއްދިވެރިއެވެ. ފިހާރަތަކުގައި ހުންނަ މޭކަޕް ރިމޫވަރތަކަށްވުރެ އަގުހެޔޮވެސް ވާނެއެވެ. ފަސޭހައިން މޫނުގައި ހުންނަ މޭކަޕްތައް ފިލުވައިވެސް ދޭނެއެވެ. ހަންގަނޑަށް ފައިދާހުރި ތެލަކުން މޭކަޕް ފިލުވައިލެވޭއިރު އެހެން ފާޑުފާޑުގެ ކެމިކަލްތައް ބޭނުންކުރަންވީ ކީއްވެހެއްޔެވެ؟
އިސްތަށިގަނޑަށް
ކާށިތެލަކީ ހަންގަނޑަށާއި އިސްތަށިގަނޑަށް ވަރަށް ގިނަ ގޮތްގޮތުން ފައިދާތައް ލިއްބައިދޭ އެއްޗެކެވެ. މިގޮތުން ކާށިތެޔޮ ފޮދެއްގެ މަދު މިންވަރެއް އިސްތަށިގަނޑުގައި މަދު އިރުކޮޅެއްގައި ހުރުމަކީވެސް ގަޑިއިރެއް ވަންދެން ބޮލުގައި ކޮންޑިޝަނަރ ހާކައިފައި ބެހެއްޓުމަށްވުރެވެސް އިސްތަށިގަނޑަށް ފައިދާވާނެ ކަމެކެވެ. އިސްތަށިގަނޑުގައި ގޮށްޖެހުމުން ދުރުކޮށްދިނުމުގެ އިތުރުން އިސްތަށިގަނޑުގައި ގުދުރަތީ އޮމާންކަމެއް ދެމެހެއްޓުމަށް ކާށިތެޔޮ އެހީވެދެއެވެ.