ރަމަޟާންމަސް އަންނަން ކައިރިވާ ވަރަކަށް އެ މައްސަރަށް ތައްޔާރުވާންގެ ޒީނަތްތެރިކުރާ މީހުން މަދެއް ނޫނެވެ. އެ ގޮތުން ކާބޯތަކެއްޗާއި މިނޫންވެސް ތަކެތި ބޭނުންވާ މިންވަރަށް ވުރެ ގިނައިން ރޯދަމަހާއި ދިމާކޮށް ގެޔަށް ހޯދާ އެއްކުރާ ތަން ފެންނަނީ މަދުންނެއް ނޫނެވެ.
ރަމަޟާން މަހަކީ މާތް ވެގެންވާ މައްސަރަކަށް ވީ ހިނދު އެ މައްސަރުގައި މިފަދަ ބޭކާރު އިސްރާފްތައް ކުރުމާއި ދުރުވާން ޖެހެއެވެ.
އާންމުގޮތެއްގައި ކާނާ އިސްރާފް ކުރުމަކީ ރޯދަމަހުގައި ވަރަށް ގިނައިން ފެންނަ ކަމެކެވެ. މަދު ބައެއްގެ ފަރާތަކުންނެއް ނޫނެވެ. މުޖުތަމައުގެ ގިނަ ފަރުދުންގެ ފަރާތުންނެވެ.
އިސްލާމްދީނުގައިވެސް އިސްރާފްކުރުން އެއީ ނަހީ ކުރައްވާފައިވާ ކަމެކެވެ. އިސްރާފްކުރުމަކީ މާތްﷲ ނުރުއްސަވާ ސިފަތަކުގެ ތެރެއިން ސިފައެކެވެ. އިސްރާފްކުރުމަކީ ވެވޭ ހިޔާނާތެކެވެ. ކަމަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ޚަރަދުކޮށް ވަގުތު ނަގާލުމަކީ އިސްރާފްގޮތުގައި ވާ ކަންތަކެވެ.
މިފަދަ ކަމަކަށް އެންމެ ގިނައިން ފެންނަ އެއް ކަމަކީ ރަމަޟާން މަހުގައި ކެވޭ ވަރަށް ވުރެ އިތުރަށް ކާ އެއްޗެހި ހެދުމެވެ. އެ ގޮތުން ރޯދަ ވީއްލާ ގަނޑީގައި ތަފާތު އެކި ވައްތަރުތަކުން މޭޒުމަތި ފުރާލައެވެ.
އޭގެ ބަދަލުގައި ކެވޭ ވަރަށް ކާތަކެތި ހެދުން މާ ރަނގަޅު ނޫން ހެއްޔެވެ؟
ގިނައިން ކާއެއްޗެހި ތައްޔާރު ކުރުމުގެ ނަތީޖާއަކަށް ވަނީ އޭގެ ބޮޑުބައި އުކާލަން ޖެހުމެވެ. ރޯދައަށް ތިބޭ އިރު، ރޯދަ ވީއްލުމަށްފަހު ތިމާއަށް ވަރަށް ކާލެވޭނެއޭ ހިތަށް އެރިކަމުގައިވިޔަސް ރޯދަ ވީއްލުމަށްފަހު އެ ތައްޔާރު ކުރި އެއްޗެހި ގިނަ ފަހަރު ނުކެވެ އެވެ. އިންސާނާގެ ހަށިގަނޑު އުފައްދަވާފައިވާ ގޮތުގައި އިންސާނާ ރޯދައަށް ހުރުމަށްފަހު ރޯދަ ވީއްލުމަށް ކުޑަ އެތިކޮޅެއް ކެއުމުން ބަނޑުފުރެ އެވެ. ދެން އެހެންވީމާ ކީއްކުރަން ތައްޔާރު ކުރާ އެތައް ބާވަތެއްގެ ހެދިކާއެއް ހެއްޔެވެ؟
ރޯދަވީއްލުމުގެ އިތުރުން ރޭގަނޑު ކެއުމަށްވެސް ދެތިން ބާވަތުގެ ބަތް ނެތިއްޔާ ހިތްހަމައެއް ނުޖެހެ އެވެ. ރޯދަ ވީއްލުމަށްފަހު އެކެއި އެއްޗެއް ރަނގަޅަށް ހަޖަމް ނުވަނީސް ރޭގަނޑު ކެއުމަށް ތައްޔާރުވެއެވެ.
އަޅުގަނޑުމެންނަކީ ކުރީޒަމާނުއްސުރެ ސާފު ވާރޭފެން ބޮމުން އަންނަ ދިވެހީންނެއް ނޫންހެއްޔެވެ؟ އެ ނިޢުމަތުންވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު މަހުރޫމް ވެފައި މިވަނީ ހަމަ އިސްރާފު ކުރުމުން ނޫންހެއްޔެވެ؟ ފެން ލިބެއޭ ކިޔައިފައި ފައި ދޮވުނަސް ފެންވެރިއަސް ބޭނުން ކުރީ ހަމަ އެ ފެނެވެ. އާހިރު ނަތީޖާއަކަށްވީ މިއަދު މިނެރަލް ފެން ފިހާރަތަކުން ގަނެގެން ބޯން ޖެހުމެވެ.
އެހެންކަމުން މި މާތް މައްސަރުގައި ގޭގައި ހަދާ އެއްޗެހި ފުދޭވަރަށް ހަދައި އިސްރާފު ކުރުން މަދު ކުރުމަށް އެންމެންވެސް ވީ އަޒުމް ކަނޑައަޅާށެވެ.