ގަވާއިދާ ޚިލާފަށް ވިލާ އެއާގެ ސީނިއަރ މުވައްޒަފަކު ވަކިކުރި ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.
ވިލާ އެއަރ އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ. އެ ނޫސްބަޔާނުގައި ބުނެފައިވަނީ، ވިލާ އެއާގެ ސީނިއާ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެ އެއާލައިންގެ އެއްވެސް އިދާރާއަކުން ނިންމާފައި ނުވާ ކަމަށާއި، ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފަކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅުމަކީ އެ މުވައްޒަފަކު ވަކިކުރީ ގަވާއިދާ ހިލާފަށްކަމަށް ނިންމުން ނޫން ކަމަށެވެ.
ވިލާއިން އިތުރަށް ބުނެފައިވަނީ އެ ކުންފުނިން ޚިދުމަތް ފޯރުކޮށްދޭ އިރުގައި ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުވުމެއް ދޭކަމަށެވެ. އަދި އެފަދަ ކަމަކާއި ގުޅިގެން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާނަމަ އެކަން ކޮށްފައިވާނީ ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން ކަމަށްވެސް ވިލާ އެއާއިން ބުންޏެވެ.
ސިޔާސީ ޕާޓީއަކުން ދެއްކި ވާހަކައަކާ ހަވާލާދީ މިފަދަ ޚަބަރެއް ފަތުރާފައިވިޔަސް އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށްވެސް ވިލާ އެއާއިން ބުންޏެވެ.
މި މެއިމަހުގެ 10 ވަނަ ދުވަހު ލޭބާ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހަކުން ވަނީ ވިލާ އެއާއިން ގަވާއިދާ ޚިލާފަށް މުވައްޒަފަކު ވަކިކުރި ކަމަށްބުނެ ރިޕޯޓުކޮށްފައެވެ.