އަމިއްލަ އުފަން ވަޒަނާއި ލޯބިވާ އާއިލާ ދޫކޮށް ބިދޭސީން މި ދިވެހި ރާއްޖެއަށް އަންނަނީ ވަރަށް ފޮނި އުންމީދުތަކާއި އެކުގައެވެ. ދަރިންނަށް މަތީ ތައުލީމު ހާސިލްކުރުމަށް މަގު ފަހި ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ އުންމީދުގައެވެ. ލޯބިވާ އަބިމީހާ އެދޭފަދައިން ރަނގަޅު ހަމަ ޖެހޭ ދިރިއުޅުމެއް ބިނާ ކުރުމަށްޓަކައެވެ. ހިތުގެ ފިނިކަން ކަމުގައިވާ މަންމަގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެދޭ ހާލުގައެވެ. 

އޭގެން ކޮންމެ މީހަކު ރާއްޖެ އަންނަނީ އެތަށް ގިނަ ގުރުބާނީ ތަކެއް ވުމަށްފަހުއެވެ. ދެ އަހަރު ނޫނީ އެއަށްވުރެވެސް ގިނަ އަހަރު ލޯބިވާ އާއިލާ އާއި އަނބިދަރިން ލޮލަށް ނުފެނިވެސް އުޅެންޖެހިދެއެވެ. މި މީހުން އެވާ ގުރުބާނަކީ އަހަރެމެން ދިވެހިންގެ ތެރެއިން އެއްވެސް މީހަކަށް ވަޒަންވެސް ނުކޮށްލެވޭހާ ބުރަ ހިތްދަތިކަން އެކުލެވޭ ގުރުބާނީ ތަކެވެ.

އެހެންނަމަވެސް އެމީހުން އެ އުންމީދުކޮށްގެން އަންނަ ދިރިއުޅުން ލިބެނީ އޭގެ ތެރެއިން ވަރަށްވެސް މަދު މީހަކަށެވެ. ދެތިން އަހަރަށް ރާއްޖޭގައި މަސައްކަތް ކުރަން އައި މީހުންވެސް އަދިވެސް އެމީހުންގެ އަމިއްލަ ގައުމަށް ނުދެވިފަ އެބަތިއްބެވެ. 

މިއަދުގެ ރާއްޖެ ފާހަގަކުރެވިފައިވަނީ ނަސްލީ ތަފާތު ކުރުންތައް ބޮޑު ގައުމެއްގެ ގޮތުގައެވެ. ދޭސީ މީހުން ކައިރީ ބިދޭސީ މީހުންގެ އަގު ތުން ފުހޭ ރުމާލު ގަޑަށްވުރެވެސް ވަނީ ދަށްވެފައެވެ. ކީއްވެ ހެއްޔެވެ؟ އެއީ ބަންގްލަދޭޝް މީހުންނަށް ވީމަ ތޯ އެވެ.؟ އެއީ ދިވެހިން ކަންނެތް ކަން މަތީ ބައިތިއްބާފަ މަސައްކަތް ކޮށްދޭ މީހުންނަށް ވީމަ ހެއްޔެވެ؟ އެމީހުންގެ ކުށަކީ އެއީ ހެއްޔެވެ؟

މީގެ އެންމެ ހެއްވާ ކަމަކީ މި ހުރިހާ ކަމެއް މިހެން ހުރިއިރުވެސް އެ ބިދޭސީންނާއި ނުލާ މި ދޭސީންނަށް ދިރިނުއުޅެވޭ ކަމެވެ. ކުޑަ މިނުން ކާ އެއްޗެހިވެސް އަމިއްލަޔަށް ރޯ ފިލުވައިން ނުކެވި އެއްކަލަ ބިދޭސީން ލައްވާ ކައްކައިން ކާ މީހުންވެސް މި މުޖުތަމައުގެ ތެރޭގައި އުޅެމުންދާ ކަަމެވެ. 

މިހެން މި ވާހަކަ ގެނެސްދެވުމުން އިއްޔެ އަޅުގަނޑަށް މީސް މީޑިއާއިން ފެނުން ޕޯސްޓްއެއްގެ ވާހަކަ ހިއްސާ ކޮށްލާނަމެވެ. އެހެންނަމވެސް އަޅުގަނޑު އަމިއްލަޔަށް އެ ވާހަކަ ކިޔައި ދިނުމުގެ ބަދަލުގައި މި ލިޔުމުގައި އެ ޕޯސްޓް ހިއްސާކޮށްލާނަމެވެ. 

މީގައި ފާހަގަކޮށްފައި އެވަނީ ހަމަ އަދުގެ ދިވެހިންގެ ހާލަތެވެ. އެންމެން ކިޔަމުން އަންނަނީ އެވޭލާ ޒަމަނަަށް ވުރެ އަދުގެ ރާއްޖެ ތަރައްގީވެފައިވާ ވާހަކައެވެ. އެހެންނަމަވެސް ހަގީގަތަކީ ތަރައްގީ ވެފައިވަނީ އެވޭލާ ޒަމާނުގައި މި ރާއްޖޭގައި ދިރިއުޅެމުން އައި މީހުންކަމެވެ. އަދުގެ މުޖުތަމަައުގައި ތަރައްގީވެފައިވާ މީހުން ވަރަށްވެސް މަދެވެ. 

ހަގީގީ ތަރައްގީވުމަކީ ގައުމަށް އަންނަމުންދާ ތަރައްގީތަކާއި އެއްވަރަށް ވިސްނުންވެސް ތަރައްގީވުމެވެ. ރާއްޖޭގައި ބިދޭސީންނާއިމެދު ކަންތައްކުރަނީ ވަރަށްވެސް އިހާ ނެތިކޮށެވެ. އެވެސް ހަަމަ އަހަރެމެން ފަދައިން އިންސާނުންނަށް ވީ ހިނދު ބިދޭސީންނަށް ވިޔަސް ހިތާމަވެސް ކުރާނެއެވެ. ކަންތަކާއި ވިސްނާ ބޯ ގޮވާނެއެވެ. ރުފިޔާ ނުދިނުމުން ދަތިވާނެއެވެ. ބަލިވެސް ވާނެއެވެ. އެކަން މިކަން ދަންނަ ބަޔަކު ނެތެވެ. 

ރާއްޖޭގެ ގާނޫނު އަސާސީގައިވެސް ދޭސީން ފަދައިން ބިދޭސީންނަށްވެސް ހައްގުތަކެއް ކަނޑައަޅާ ދީފައިވެއެވެ. އެހެން ނަމަވެސް އެ ހައްގުތަށް ގެއްލި އެމީހުންގެ ކަރާމާތަށް ނުރައްކާވާ ގިނަ މައްސަލަތައް ރާއްޖޭގައި އެބަހުއްޓެވެ. ބިދޭސީ މީހުންނަށް ރާއްޖޭގައި ނުހައްގުން ގިނަ އަނިޔާތަކެއް ލިބޭ ކަމަށް މީގެ ކުރިން އެޗްއާރުސީއެމްއިންވެސް ވަނީ ފާހަގަކޮށްފައެވެ. 

ރާއްޖޭގައި، ބިދޭސީންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ މައްސަލަތައް ގިނަވުމުގެ ނަތީޖާއެއްގެ ގޮތުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރޭ ހިއުމަން ޓްރެފިކިން ވޮޗްލިސްޓްގެ ދެވަނަ ހަރުފަތަށް ރާއްޖެވަނީ އަރާފައެވެ.

ރާއްޖޭގައި ބިދޭސީންނާއި މެދު ނާއިންސާފުން ކުރާ ކަންތަކަށް ބަލާއިރު، ބިދޭސީންގެ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް، އެ މީހުން ލައްވައި މުސާރަ ނުދީ މަސައްކަތް ކުރުވުމާއި، ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތައް ހިފެހެއްޓުމާއި، ބިރުދައްކައިގެން ގަދަކަމުން މަސައްކަތްކުރުވުމުގެ އިތުރަށް އެމީހުންނާ މެދު ހިންގާ ލާއިންސާނީ އަމަލުތައް ފާހަގަކޮށްލެވެއެވެ.

އަހަރެމެން ތެރެއިން ބައެއް ދިވެހީން މޭ ފުއްޕާލާފައި ތިމަންނަމެންނަކީ ފަޙުރުވެރި ސައްތައިން ސައްތަ މުސްލިމުންނޭ ބުނާއިރު، ދީނުގައި އަންގަވާފައިވާ ގޮތަށް އިންސާނުންގެ ތެރޭގައި އޮންނަންޖެހޭ ކުލުނާއި އޯގާތެރިކަން ނުހުންނަނީ ކީއްވެހެއްޔެވެ؟

ބިދޭސީއަކަށް ވިނަަމަވެސް ހެޔޮކޮށް ހިތައި އަޅާލަން ޖެހެއެވެ. އޯގާތެރިވާން ޖެހެއެވެ. އަހަރެެމެން ދިވެހިންނަށް ކަންނެތް ކަމުން ވިޔަސް ނުކުރެވޭ އެތަށް މަސައްކަތެއް އެ ބިދޭސީން ކުރަމުންދާއިރު ސާބަސްދީ ހިތްވަރުދޭން ޖެހެއެވެ. 

އެވެސް ހަމަ އަހަރެމެން ފަދަ އިންސާނުންކަން ދަންނަންޖެހެއެވެ. އެ ބިދޭސީންނަކީ ދިވެހިންނާއި ޚިލާފަށް ޖެހޭ މަސައްކަތްތަކުން ރެކިނުގަނެ ކެރުންތެރިކަމާއި އެކު މަސައްކަތްކުރަންކެރޭ، މަސައްކަތްކުރަން ދަންނަ ބައެކެެވެ. އެހެންކަމުން ތި ގެންގުޅޭ ތަފާތު ކުރުންތައް އެއްކިބާ ކޮށްފަ ނިކަން ރަނގަޅަށް ވިސްނާލާށެވެ. 

ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ބަޔަކަށް ވީހިނދު، އެފަރާތްތަކާ އިހުތިރާމާއެކު މުހާތަބުކޮށް ގަދަރުކުރުމަށް ދަސްކުރާށެވެ. އަދި، ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް މުޖުތަމައު ހޭލުންތެރިކުރުވައި އެފަރާތްތަކުގެ ހައްގުތަކަށް އިހްތިރާމްކުރުމުގެ ސަގާފަތެއް ގާއިމްކުރުމަށްވެސް އެންމެންއެކީ ގުޅިގެން މަސައްކަތްކުރާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *