މެލޭޝިއާގައި ދިވެހި މަހުގެ އުފެއްދުންތައް ވިއްކާ ފިހާރައެއް ހުޅުވައިފި އެވެ.
"ދަ މޯލްޑިވިއަން ފިޝް މާކެޓް" ގެ ނަމުގައި ދިވެހިންނަށް ހާއްސަކޮށްގެން މި ފިހާރަ ހުޅުވާފައިވަނީ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ، އަބްދުލް ހަމީދު އަބްދުލްޣަފޫރު އާއްމު ބަހުންނަމަ (އައްޑޯ) އެވެ. މި ފިހާރަ ހުޅުވާފައިވަނީ ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ މެލޭޝިއާގެ ޝުބަންގް ޖާޔާ ސެލެންގޯގަ އެވެ.
އައްޑޯ ހާމަ ކުރައްވާ ގޮތުގައި މި ފިހާރައިން ލިބެން ހުންނާނީ ދިވެހި ކުންފުނިތަކުން ތައްޔާރު ކުރާ ދިވެހި މަހުގެ އުފެއްދުންތައް ކަމަށެވެ.
"ދިވެހި ކުންފުނިތައް ކަމަށްވާ ހޮރައިޒަން އާއި އެންސިސް އަދި މާންދޫގެ އުފެއްދުންތައް މި ވަގުތު ހުންނާނެ. މިފްކޯގައި ވެސް އެދިގެން މި އުޅެނީ އެ ކުންފުނީގެ އުފެއްދުންތައް ފޯރުކޮށްދޭން،" އެއާއޭޝިއާގެ ރާއްޖޭގެ އެޖެންޓުކަން ވެސް ކުރާ އައްޑޯ ވިދާޅުވި އެވެ.
މެލޭޝިއާއަކީ ދިވެހިންގެ ގިނަ ބަޔަކު ދިރިއުޅޭ ގައުމެވެ. އެ ގައުމުވެފައިވަނީ ސްރީލަންކާ ނަގާފައި ދެން އެންމެ ގިނަ ދިވެހިން ދިރިއުޅޭ ގައުމަށެވެ.