ޚަބަރާއި މައުލޫމާތު ގެންނަންވާނީ ޓެރަރިޒަމްއަށް މަގުފަހިނުވާ ގޮތަށް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިހެން ވިދާޅުވެ ޝަރީފް ފޭސްބުކްގައި ޖެހި ޕޯސްޓްއެއްގައި ބުނެފައިވަނީ އެހެން ޤައުމުގެ ތަކުގެ ނިރުބަވެރިންގެ ގޮތުގައި ލޭބަލް ކުރެވިފައިވާ މީހުންނާއި ދިވެހިރާއްޖެ އާއި ގުޅުވައިގެން ދައްކާ ވާހަކަތަކުން ނިރުބަވެރިންގެ ނުރައްކާ ރާއްޖެއަށް އިތުރުވެދާނެ ކަމަށެވެ.

"ނިރުބަވެރިންނާއި ގުޅޭގޮތުން ވާހަކަ ދައްކަން ވާނީ، މީޑިޔާގައި ކަމެއް ޙިއްސާ ކުރަންވާނީ، އަދި ޚަބަރުތައް ގެނެސްދޭން ވާނީ އެކަމުގެ ސަބަބުން ނިރުބަވެރިންގެ ނުރައްކާ އިތުރަށް ބޮޑު ނުވާނެ ގޮތަކަށް." އާދަމް ޝަރީފް ވިދާޅުވެފައި ވެއެވެ.

ނިރުުބަވެރި ހަރަކާތްތައް ރާއްޖެ ހިމެނޭ ސަރަހައްދުގައި ގަދަވެފައިވާއިރު އެމެރިކާ އަދި ދުނިޔޭގެ ބައެއް އެހެން ތަންތަނުން ވަނީ ރާއްޖެ އަށް ނިރުބަވެރިންގެ ހަމަލާއެއް އަމާޒު ވެދާނެ ކަމަށާއި އެކަމަށް ސަމާލުވެ ތިބުމަށް އަންގާފައެވެ. އަދި އަވަށްޓެރި ސްރީލަންކާއަށް ދިން ފަދަ ހަމަލާއެއް ރާއްޖޭގައި ދިނުންވެސް އެކަށިގެންވާ ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ދަ ހިންދޫ ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަަވަމުން ވިދާޅުވީ، ދީނީ ގޮތުން ހައްދު ފަހަނައަޅައި ދިޔުމަކީ ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށާއި އަދި އެފަދަ ފަރާތްތައް ރިހެބިލޭޓް ކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަރުމާކޮށް، އަމަލު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ލަންކާގެ ހަމަލާއި ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތް ކަމަށް ފެނޭތޯ ސުވާލުކުރުން އެކަމަނާވަނީ އެފަދަ ނުރައްކަލެއް ރާއްޖެއަށް އޮތް ކަމުގެ ކަންބޮޑުވުމެއް ނެތް ކަމަށާއި، އެހެންނަމަވެސް އެފަދަ ކަންތަކަށް ރާއްޖެއިން ތިބޭނީ ތައްޔާރުވެގެންކަން ފާހަގަކޮށްފައެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *