އާބާދީގެ ގޮތުން 4 ލައްކައަށްވުރެ ވެސް މަދު މީހުން ދިރިއުޅޭ މި ކުޑަކުޑަ ދިވެހިރާއްޖޭގައި އެންމެ ވައިގައި ހިފާނީ ސިޔާސީ ވާހަކަތަކެވެ. އެންމެ ހިނގާނީ ސިޔާސީ މީހުން ބުނާ ބަސްތަކެވެ. މި ގޮތުން ރާއްޖޭގައި އެންމެ ނަން މަޝްހޫރު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އެ މީހުންގެ ޕާޓީގެ ކުލައާއި މިފަދަ ހުރިހާ އެއްޗެއް ރާއްޖޭގެ ސްކޫލުތަކުގެ ކުޑަކުދިންނަށް ދަންދެން ހިތުން އެނގޭނެއެވެ. އެ ފަދަ ޕާޓީތައް ޕްރޮމޯޓުކޮށް ހަދައިފައި ހުންނަ ލަވަތަކަކީވެސް އެންމެ ތުއްތު ކުއްޖާވެސް ހިތުން އެނގޭ ލަވަތަކަކަށް 

ވަނީވެފައެވެ. މިގޮތުންވެސް ވަކި ކުލައެއް ފެނުމުން އެ ކުލައެއް ވަކި ޕާޓީއަކަށް ހިބައިން ދިނުމަކީ ގިނަ ބަޔަކު ކުރާ ކަމެއްކަން ފާހަގަކުރެވެއެވެ.

ހެދުން ފަހަން ފޮތި ގަންނަން ގޮސްވެސް، ހެދުން ގަންނަން ގޮސްވެސް ވަކި ކުލައެއް ފެންނައިރަށް މިވެނި ޕާޓީއަކު ކުލައެކޭ ބުނެ އެ ފޮތިކޮޅެއް ކިތަންމެ ރީތި ނަމަވެސް އެ އެއްޗެއް ނުގަނެ ދޫކޮށްލާ މީހުންގެ އަދަދު ދިވެހިންގެ ތެރޭގައި ވަރަށް ގިނައެވެ. މީގެ އެންމެ ހިތާމަހުރި ކަމަކީ ވަކި ސިޔާސަތެއް ގަބޫލުކުރާ ނުވަތަ ވަކި ސިޔާސަތަކަށް ތާއީދުކުރާ މީހަކަށްނުވި ނަމަވެސް މި ގަބޫލުކުރުމުގެ މަތީގައި ދެމިހުންނަ މީހުންގެ އަދަދު އިންތިހާއަށް އަރައިގެން ދިޔުމެވެ.

ވަކިން ޚާއްސަކޮށް ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކުރަމުން ދާ ދުވަސްވަރަކު ފިޔާތޮށިކުލައިގެ ނޫނީ ރީނދޫ ކުލައިގެ ނޫނީ ރަތްކުލައިގެ ހެދުމެއް ލައިގެން މަގުމަތިން ހިނގާލެވެން ނޯންނާނެއެވެ. ކޮންމެވެސް ހިސާބަކުން ކޮންމެވެސް މީހަކު އާނ އެއީ ރަތްލާޖެހި މިވެނި ޕާޓީއަކު މީހެކޭ ބުނާނެއެވެ. ނުދަންނަ މީހުންނެވެ. ދުވަހަކު ފެނުން ބައެއްވެސް ނޫނެވެ. ބައެއް މީހުންނަށް މިކަމާއިހެދި އެމީހުންގެ އޮފީސް ޔުނިފޯމްވެސް، ސްކޫލް ކުދިންނަށް ސްކޫލް ޔުނިފޯމްވެސް ލެވެން ނޯވެއެވެ.

މުނާސަބާތެއް ފާހަގަކުރާ ދުވަހެއްގައި ހުރިހާ މުވައްޒަފުން އެއް ކުލައެއްގެ ފޭރާން ލާން ނިންމާ އިރުވެސް ކޮންމެ ބަޔަކުވެސް ސަމާލުކަން ދެވޭތޯ ބަލާނީ މި ކިޔާ 'ސިޔާސީ ކުލައެއްގެ' ހެދުމެއް ފާސްނުކޮށް ވޭތޯއެވެ. ނަމަވެސް މިފަދައިން ގަބޫލުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެއްވެސް ކުލައަކީ ސިޔާސީ ޕާޓީއެއްގެ ކުލައެއް ނޫނެވެ. އެއީ މުޅިން އެމީހުންނަށް ނިސްބަތްވާ ކުލައަކަށް ނުހެދޭނެއެވެ.

މި ސިޔާސީ ޕާޓީތައް ވުޖޫދަށް އައުމުގެ އެތައް އެތައް ޒަމާނެއް ކުރިން ފިޔާތޮށި ކުލަވެސް، ރީނދޫކުލަވެސް، ރަތްކުލަވެސް، ފެހިކުލަވެސް އޮންނާނެކަން ޔަގީނެވެ. ނަމަވެސް މާފަހުން އުފެެއްދި ޕާޓީތަކަކަށް އެކުލަތައް ނިސްބަތްކޮށް، މުޅިން އެ ޕާޓީއެއްގެ ކުލައަކަށް ހަދައިލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މިހާރު މިއޮތް ގޮތުން ނަމަ ހަމަޖެހިލައިގެން ބޭނުންވާ ކުލައެއްގެ ފޭރާމެއްވެސް ލެވެން ނެތެވެ. ސިޔާސީ ވަކި ފިކުރެއް އޮތަސް އެކަންތައް ވަކި ހުދޫދެއްގެ ތެރޭގައި ބަހައްޓަން ދިވެހިން ދަސްކުރަން އެބަޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *