ކޮންމެ މީހަކަށްވެސް އެނގޭނެ ފަދައިން މިއީ ރަމަޟާން މަހެވެ. މިއީ އަޅުކަމުގެ މައްސަރެކެވެ. މި ގޮތުން އަޅުކަން ކުރުމަށްޓަކައި މުސްލިމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެއެވެ. ކެއިންބުއިމާއި، ނިދުމާއި، މަސައްކަތް ކުރުމާއި, ކުރުގޮތަކަށް ބުނާ ނަމަ މުސްލިމުންގެ މުޅި ދިރިއުޅުން ބަދަލުކުރާ އެއް މަހަކަށް މި މާތް މައްސަރު ވަނީ ވެފައެވެ. ސައްތަ އިިންސައްތަ މުސްލިމުން އުޅޭ ކަމަށް ދައުވާ ކުރާ، މި ކުޑަ ދިވެހިރާއްޖޭގައިވެސް އެންމެންހެން ރޯދަ ހިފައެވެ.

ދިވެހިންގެ ރަމަޟާން މަސް ހިނގަމުންް އަންނަނީ ވަރަށް ކުރީއްސުރެ އެއްގޮތަކަށެވެ. ކަންކަން ތާވަލްކުރެވި، ކަނޑައެޅިފައިވަނީ ދާދި އެއް ވައްޓަފާޅިއަކަށް ފައްތައިގެންނެވެ. މިގޮތުން އެންމެ ގިނަ ގޭގެެއިން ފެންނާނެ އެއް އާދައަކީ، ރޯދަ ވީއްލުމަށް ހުރިހާ ކާނާއެއް ތައްޔާރުކޮށް ކަންކަން ކުރާނީ އެގެއެއްގެ އަންހެނުންނެވެ. މި ހީވާގި ކަނބަލުން ދުވާލުދާ ހަތަރުދަމުހެން ގޭގެ އެހެން މެންބަރުންގެ ރޯދަ ވީއްލުން ފުރިހަމަ ކުރުމަށްޓަކައި ބުރަ މަސައްކަތްކޮށް ދައުތައް އޮހޮރުވައެވެ. މަޣުރިބު ނަމާދަށް ބަންގި ގޮވާއިރު ހުރިހާ އެންމެންނަށްވެސް ސުފުރާ ތައްޔާރުކޮށްދޭ މީހުންގެ ތެރެއިން މަދުމަދުން ނަމަވެސް ފިރިހެނުން އުޅެއެވެ. ނަމަވެސް ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވަނީ އަންހެނުންނަށެވެ.

މި ހުރިހާ ކަންކަން އަންހެނުން ކުރާއިރު ވަރަށް ހިތާމަހުރި ކަމެއް ގޭގެ އެހެން މީހުންގެ ފަރާތުން ފެނެއެވެ. މި ދެންނެވީ މަސައްކަތެއް ނުކޮށް ހަމައެކަނި ރޯދަ ވީއްލާ ގަޑި ޖެހުމުން ސުފުރާ މައްޗަށް އަރައި ކާ މީހުންގެ ވާހަކައެވެ. މިފަދަ މީހުންގެ ފަރާތުން ބަލައިނުގަނެވޭ ޢަމަލުތަކެއް އެ ގަޑީގައި ފެންނަ ފަހަރު ވަރަށް ގިނައެވެ. އެ ގޮތުން އިވޭ ބައެއް ވާހަކަތަކަކީ "މި ބޯކިބާ މާ ލޮނު ގަދަ" "ޕުޑިންގ އެތީގައި ގެރިކިރު މާ މަދު" "އަލަނާސިން ފަނި ގިރީމަ ނުބައި"އެވެ. މި ކަހަލަ އެތައް ފާޑު ކިޔުންތައް ކެއުންތަކަށް ރައްދުކުރެއެވެ.

ހަގީގަތުގައި މިއީ ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ. އެމީހުންގެ ބަހުންނަމަ ވަރަށް "ޑީ-ގްރޭޑް" ކަމެކެވެ. ދުވާލުދާ ހަތަރުދަމު ބަނޑަށްހުރެ ގުދަރު ބިންދައިގެން ރޯދަ ވީއްލުން ތައްޔާރުކުރީމައި އަދާކުރި ޝުކުރަކީ މިއީހެއްޔެވެ؟ ފަށްފަށުން ކިޔަންވީ ފާޑުހެއްޔެވެ؟ އެންމެ ކުޑަ މިނުން ބިހެއް ތަޅައިދޭން އެހީވެދޭން ނުކެރުން މީހަކު ތައްޔާރުކޮށްފައިވާ ކެއުމަށް ޝުކުރުނުކުރެވިގެން މިއުޅެނީ ކީއްވެހެއްޔެވެ؟ މި ޢަމަލު ގިނައިން ފެންނަނީ ގޭގެ ފިރިހެން މީހުންގެ ކިބައިން ކަމަށްވިނަމަވެސް ހިތާމައަކީ ގޭގެ އަންހެން މީހުންގެ ތެރެއިންވެސް މަސައްކަތް ކުރުމުގައި އެހީތެރިކަމެއް ފޯރުކޮށްނުދޭ މީހުން މިކަމަށް ފާޑު ކިޔުމެވެ. މިއީ އެއްވެސް މީހެއްގެ ފަރާތުން ބަލައިގަނެވޭނެ އަމަލެއްނޫނެވެ.

ކޮންމެ މީހަކުވެސް ރަހަ ނުބަލައި ހިތު ހިސާބަށް ތައްޔާރުކުރާ ކާނާއެއްގެ ރަހައިގައި އުނިކަމެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ރަމަޟާންމަހުގައި ބައެއް މީހުން ރަހަ ހެޔޮވަރުކުރަން ކާއެއްޗެހި ދުލުކޮޅުގައި ޖައްސައި ރަހަ ބަލައި އުޅުނަސް ބައެއް މީހުން މިފަދައިން ކަންތައް ކުރުމަށް ފަސް ޖެހޭތީއެވެ. ދީނީ އިލްމުވެރިން ދެކޭ ގޮތުގައި އެއީ ރޯދަ މަކްރޫހަވެގެންދާ ކަމަކަށް ވާތީއެވެ. އެއްޗެއްގެ ރަހައެއް ހެޔޮވަރުކުރުމަށް ލަފާދިނުމަކީ ގޯސްކަމެއް ނޫނެވެ. ނަމަވެސް އެކަންތައް ކުރުމުގެ ހައްގުވެސް ލިބިފައިވަނީ ވަކި ބަޔަކަށެވެ. އެ ކަންތައް ކުރަން ޖެހޭނީ ވަކި ގޮތަކަށެވެ. ރީއްޗަށް މިވެނި ކާއެއްޗެއްގައި މިއަދު ތަންކޮޅެއް ލޮނު ގަދައެއް ކަންނޭނގެއޭ ބުނެލުމަކީ ކުރެވިދާނެ ކަމެކެވެ. އެކަމުގައިވެސް ޕޮޒިޓިވް ކޮށް ބުނުމަށާއި ހިތްހަމަޖެހޭކަން އެހެން މީހުންނަށް ނާންގައި ބުނެވޭތޯ ބަލަން ވާނެއެވެ.

ރަމަޟާން މަހަކީ އެންމެން އެއްބައިވެ، އަޚްވަންތަކަން ދަމަހައްޓަން މަސައްކަތްކުރަން ޖެހޭ މަހެކެވެ. އެންމެންވެސް އިސްކަން ދޭންވީ ވީވަރަކުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދިނުމަށެވެ. ކޮންމެ މީހަކަށްވެސް ޖެހޭ ބުރައެއް ލުއިކޮށްދިނުމަށް މަސައްކަތްކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ މައްސަރަކީވެސް ރަމަޟާންމަހެވެ. ވަކިން ޚާއްސަކޮށް ރޯދަ ވީއްލާ ސުފުރާ މަތިން މި ރީތި އާދަ ދައްކަން އިސްކަން ދޭން އެބަޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *