ހުޅުމާލެ ރީތިގަސް މަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، އެ ސަރަހައްދުގެ ގަސްތަކުގެ ތެރެއަށް ވަދެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:02 ހާއިރު ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގި އިރު ކާރުގައި އިނީ ޑްރައިވަރު އެކަނި ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. ކޮންޓްރޯލުން ނެއްޓި ގަސްތަކުގެ ތެރެއަށް ކާރު ވަދުމުގެ ސަބަބުން، ކާރުގެ ބަފަރު ނެއްޓި އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އަންނަނީ މި އެކްސިޑެންޓް ހިގަން މެދުވެރިވި ސަބަބު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އެމްޓީސީސީ ބަސް ދުއްވަންއިން ޑްރައިވަރު ނިދިގެން ހިނގި ހާދިސާއެއްގައި ޔޫކްރެއިންގެ އަންހެން ފަތުރުވެރިއަކުވަނީ ބަސް ދަށުވެ މަރުވެފައެވެ. އަދި އޭގެ ފަހުންވެސް އެހެން ބަސް ޑްރައިވަރަކު ނިދިޖެހިގެންވަނީ ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރެއްގައި ޖެހި އެކްސިޑެންޓު ވެފައެވެ.