ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން، ދިރާގުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ގާއިމު ކޮށްފައިވާ ކުޑަކުދިންގެ ޕްލޭ އޭރިއާ އާކޮށްދީ މިއަދު އަލުން ހުޅުވައިފިއެވެ.
ދިރާގުން ބުނީ ހޮސްޕިޓަލްގެ ޕްލޭ އޭރިއާ އިތުރަށް މަރާމާތުކޮށް ކުދިން ގަޔާވާ ގޮތަށް ކަނޑުއަޑީގެ ހިތްގައިމު މަންޒަރު ދައްކުވައިދޭ މަންޒަރުތަކުން ޒީނަތްތެރި ކޮށްދީފައިވާނެ ކަމަށެވެ. މީގެ އިތުރުން އާ އިކުއިޕްމަންޓް ވެސް ހަދިޔާކޮށްފައިވާނެ ކަމަށެވެ. ދިރާގުން އިތުރަށް ބުނީ، ކުޑަކުދިންނަށް އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭ ދާއިރާއެއް ކަމަށެވެ.
އެ ޕްލޭ އޭރިއާ ހުންނަނީ އައިޖީއެމްއެޗްގެ އޯޕީޑީއަށް ވަންނަ ގޭޓް ސަރަޙައްދުގައިއެވެ. ޕްލޭ އޭރިއާގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ކުޑަކުދިން ގަޔާވާނެ އަދި އެކުދިންނަށް ހިތްހަމަ ޖެހުން ލިބޭނެ ފަދަ މަންޒިލެއް ހޮސްޕިޓަލުގައި ގާއިމު ވެފައިހުރުމެވެ.
ދިރާގުން ބުނީ އެ ތަން ގާއިމުކުރީ ހޮސްޕިޓަލަށްދާ ކުޑަކުދިން ގަޔާވާނެ އަދި އެކުދިންނަށް ހިތްހަމަ ޖެހުން ލިބޭނެ ފަދަ މާހައުލެއް ހޮސްޕިޓަލުގައި ގާއިމުކޮށްދޭން ވެގެން ކަމަށެވެ.