ދިވެހިރާއްޖެއަކީ ފުން ތާރީހެއް އޮތް ޤައުމެކެވެ. މިރާއްޖޭގެ ރަށްތަކުގައި ހިނގާފައިވާ ބައެއް ހާދިސާތަކުގެ ވާހަކައަކީ މިއަދުވެސް ގިނަބަޔަކު ދައްކަމުން އަންނަ ވާހަކަތަކެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި "ތޯތޯ" ނުވަތަ "ފްލޯކް" ވާހަކަތައް ފެތުރިފައި އެބަހުއްޓެވެ.
"ތޯތޯ" ގިނަ ވާހަކަތަކަކީ ކުރީ ޒަމާނުގައި, ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ތުންތުން މަތިން ފެތުރެމުންދާ ވާހަކަތަކެވެ. "ތޯތޯ" ބައެއް ވާހަކަތައް އެކަން ހިނގި ގޮތާއި އެއްގޮތައް ދައްކަމުންދާއިރު އަނެއް ވާހަކަތައް ދައްކަމުންދަނީ އެކަން ހިނގާދިޔަ ގޮތާއި ދިމާ އިނދިކޮޅަށެވެ.
26 އަތޮޅެއްގެ މައްޗަށް އަޅުގަނޑުމެންގެ މި ނަލަނަލަ ދިވެހިރާއްޖެ ބަހާލެވޭއިރު ކޮޅުމަޑުލަކީވެސް ފްލޯކް ވާހަކަތައް ގިނަ އަތޮޅެކެވެ. އެގޮތުން އެ އަތޮޅު ވިލުފުށީ މީހުން މަޝްހޫރުވެފައިވަނީ އަނދިރި ހިއްކި މީހުންގެ ގޮތުގައެވެ.
ރާއްޖޭގެ ގިނަ ބަޔަކު މިއަދުވެސް މި ވާހަކަ ދައްކަމުން އަންނަ އިރު މިއީ އެކަމުގައި ހަޤީޤަތެއް އެކުލެވިގެންވާ ކަމެއް ކަމާއި މެދު މިއަދު ވަނީ ސުވާލު އުފެދިފައެވެ. އަދި އެކަން ހިނގާ ދިޔަ ގޮތްވެސް މިއަދު މިވަނީ އޮޅުން އަރާފައެވެ.
ވިލުފުށީ މީހުން އަނދިރި ހިއްކީ ކިހިނެތް؟
ވިލުފުށިން "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން އުމުރުން ދުވަސްވީ މީހަކު ބުނީ އެރަށުގެ މީހުން އަނދިރި ހިއްކިއޭ ކިޔައި އުޅުނީ އެއިރު މިސްކިތުގެ މުދިން ކަލޭގެފާނު އިޝާ ނަމާދު ކުރުމަށް އެއް ރެއެއްގައި މިސްކިތައް ދިޔަ އިރު މިސްކިތުގައި ދިއްލާފައި ހުރި ބައްތި ނިވިފައިވުމުން މިސްކިތައް އަނދިރި ވެރިވީ ކަމަށް ހީކޮށް، ރަށުގެ ރައްޔިތުން އެއްކޮށް، ޑަބިޔަލުގައި ދަނޑި އައްސައިގެން އިރު އަރަންދެން މިސްކިތުން އަނދިރު ހިއްކުމުން ކަމަށެވެ.
"މުދިންބޭ މިދިޔައީ ފަތިސް ނަމާދަށް ގޮސް މި އެރީ މިސްކިތައް. އެއިރު އޮންނާނެ ބައްތިއެއް ދިއްލާފައި މިސްކިތުގައި. މުދިންބެ އިޝާ ނަމާދަށް ދިޔަ އިރު މިސްކިތުގެ ބައްތި މިއޮތީ ނިވިފައި. ދެން މުދިންބެ ދުވަފައި އައިސް ކިޔައިފި ހިނގާށޭ އަނދިރި ހިއްކަން. ދެން އެއިރުގައި ހުންނާނެ ޑަބިޔާ، ދެން ޑަބިޔާގައި ދަނޑި ޖަގައިގެން އައިސް ހިއްކަނީ. ހަމަ ހިއްކަނީ. ދެން ފަސް ގަޑި ބައިވީ އިރު ކޮންމެ ވަރަކަށް އަލިވާން ފެށީމާ މިބުނަނީ އެބަ އަލިވެއޭ އެބައަލިވެއޭ. މިހެން ކިޔާ ގޮސް އިރު އަރަންދެން މިސްކިތުން އަނދިރި ހިއްކި ކަމަށް ވަނީ" ވިލުފުށިން "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދިން އުމުރުން ދުވަސްވީ މީހަކި ބުންޏެވެ.
ވިލުފުށީ އިތުރު މީހަކު ބުނީ މުދިންކަލޭގެފާނު އަނދިރި ހިއްކުމަށް ރަށުގެ ރައްޔިތުން އެއްކުރީ ދަމުނަމާދަށް ދިޔަ އިރު މިސްކިތް އަނދިރިވެފައި އޮތުމުން ކަމަށެވެ.
"އެއްބައި މީހުން ބުނޭ މުދިންކަލޭގެފާނު ދަމުނަމާދަށް ދިޔަ އިރު މިސްކިތައް އޮތީ އަނދިރި ވަދެފައޭ. އަނެއްބައި މީހުން ބުނަނީ އިޝާ ނަމާދު ފަހުންނޭ. ދެން އެއިރުގައި އޮންނަ ގޮތުން ސަންގު މަތީ އަތުން ޖަހައިފިއްޔާ ރަށު އެންމެން ނުކުންނާނެ"
ވިލުފުށީ މީހުން އަނދިރި ހިއްކީ ކޮން ދުވަސްވަރެއްގައި ކޮން ބައެއް ކަމެއް އެނގޭ މީހަކު ވިލުފުށީ ފަސްގަނޑުގައެއް މިއަދަކު ނެތެވެ. ނަމަވެސް ވިލުފުށީގައި ހުންނަ ކުޑަ މިސްކިތަކީ އެކަން ހިނގި މިސްކިތް ކަމަށް އެރަށުގެ މުސްކުޅިން އިއްތިފާގުވެއެވެ. އަދި މިސްކިތުން އަނދިރި ހިއްކީ އެ މިސްކިތުގެ ގޯތި ތެރޭގައި އެއިރު އޮތް ވެވަށް ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. މި މިސްކިތް މިއަދުވެސް އެރަށުގައި އެބަހުށްޓެވެ. ރަށުގެ ދުވަސްވީ މީހުން ބުނާ ގޮތުން އެ މިސްކިތައް ގަރުނަކަށް ވުރެ ގިނަ ދުވަސްވެދާނެއެވެ.