ސިހުރު ހެދުމަކީ މާތް ﷲ ހަރާމް ކުރައްވައިވާ ކަމެކެވެ. ސިހުރުވެރިންގެ ސިހުރުން ރައްކާތެރިވޭނެ ގޮތްތައް ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلمގެ ސުންނަތުންނާއި އިލްމުވެރިންގެ ފަތްފުއްތަކުން އެނގެން އެބަހުށްޓެވެ.

އިލްމުވެރިން ދެކިލައްވާ ގޮތުގައި ސިހުރުގެ އެންމެ އާންމު ބާވަތަކީ ގެއަށް ހަދާފައިވާ ސިހުރެވެ. ގެއަށް ސިހުރު ހަދަނީ މައިގަނޑު ތިން ސަބަބަކާއި ހުރެއެވެ. އެއީ ގެ ފަޅުކޮށްލުމާއި، ގެ އާބާދުވިޔަ ނުދިނުމާއި އިމާރާތް ހުށްޓުވުމުގެ އިތުރުން ސިހުރުވެރިޔާ، ސިހުރު ޖައްސަން ބޭނުންވާ މީހާ އެގޭގައި އުޅުމުގެ ސަބަބުންނެވެ.

ކޮންމެ ސިހުރަކީވެސް އެ ސިހުރެއް ހެދުމަށް ހާއްސަ ވަގުތެއް ނުވަތަ ވަގުތުތަކެއް އޮންނަ ސިހުރެކެެވެ. އެގޮތުން ރުގްޔާކުރައްވާ ބައެއް ބޭފުޅުންނާއި، ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި، ގެއަކަށް ސިހުރެއް ހަދާ ނަމަ އެ ސިހުރު ހަދާ ވަގުތުތަކާއި ދުވަސްތައް ތިރީގައި އެވަނީއެވެ.

އިރުއަރާ ވަގުތު

އިރުއަރާ ވަގުތަކީ ޖިންނި ޝައިޠާނުންނާއި އެކުވެ ސިހުރުވެރިން އަޅުކަންކުރާ ވަގުތެކެވެ. މިވަގުތުގައި ބައެއް ސިހުރުވެރިން އަޅުކަންކުރުމުގެ ގޮތުން ބަރަހަނާ ހާލުގައި ނުވަތަ ބަރަހަނާ ނޫނަސް މޫދުއެރި އިރަށް ވައްތަރުޖައްސާ އަޖިދައަށް ކޮރުލައެވެ. 

އިރުއަރާ ވަގުތު އެންމެ ގިނައިން ހަދާ އެއްސިހުރަކީ ކިޔަވާފައި ތަންތަނަށް ފުމުމާއި، ފާރުގައި އެއްޗެހިން ތަޅަމުން ކިޔެވުމެވެ. ބައެއް ފަހަރު ފެން އެޅުމާއި، ވެލި އުކުންފަދަ ކަންކަންވެސް މިވަގުތު ކުރެއެވެ

ހަނދުމަހުގެ ފަހުކޮޅު

ރުގްޔާ ކުރާ ބޭފުޅުން ވިދާޅުވާ ގޮތުގައި ގެއަށް ހަދާ ސިހުރަކީ ބޮޑު އަދި ނުބައި ވެގެންވާ ސިހުރެކެވެ. އެހެންކަމުން އެފަދަ ސިހުރުތައް އާއްމުކޮށް ހަދާ އުޅޭނީ ހަނދުމަހުގެ 17 އިން ފެށިގެނެވެ. އެހެނީ ސިހުރުވެރި ޠާޣޫތުން މިކަމުގައި އިރުވަރުތައް ބަލައި، ހަނދުގެ ބަދަލުތަކަށް ނިކަންބޮޑަށް ބަރޯސާވެއެވެ. އެހެންކަމުން ސިހުރުވެރިން ގިނައިން ސިހުރު ހަދާނީ 17 އިންފެށިގެން ހަނދުމަސް ނިމި، އަނެއް މަހުގެ 11 އާއި ހަމައަށެވެ. މިރޭތަކުގެ ތެރެއިންވެސް މިބައިމީހުން އިސްކަން ދޭނީ އަނދިރިކަން ގަދަ ކަޅުފޮއެ ރޭތަކަށެވެ. މިގޮތުންވެސް ހަނދުމަހުގެ 21، 23 ، 25، 27، 29 ވިލޭރޭ ފަދަ ރޭތައް ފާހަގަކޮށްލެވެއެވެ. މިރޭތަކަކީ ގެއްލުމާއި ހަލާކަށް އަދި ޚާއްސަކޮށް ބޮޑަތި ސިހުރުތައް ހެދުމުގައި ސިހުރުވެރިންނަށް ވަރަށް ޚާއްސަ ރޭތަކެކެވެ. އެންމެ ޚާއްސަކޮށް އެމީހުން ސިހުރު ހަދަނީ ހަނދުމަހުގެ 23 އިން ފެށިގެން 30 އާއި ހަމައަށް އަންނަ ރޭތަކުގައެވެ.

ދަންވަރުގެ ވަގުތު

ދަންވަރުގެ ހަމަހިމޭން ވަގުތަކީ ސިހުރުވެރިންނަށް އަލިވިލޭ ވަގުތެކެވެ. މިވަގުތުގައި މިބައިމީހުން ޝައިޠާނާއަށް އަޅުކަންކޮށް ބަރަހަނާކޮށް ތިބެ ކަރުތާފެނަށް މޫދުއެރި ޝައިޠާނާއަށް ސަނާ ކިޔައި އަޅުކަންކޮށް ހަދައެވެ. އަދި މިބައިމީހުންގެ ސިހުރު ތަކަށް ބާރުދިނުން އެދި ޖިންނި ޝައިޠާނުންނަށް ގޮވާ އާދޭސްކުރެއެވެ. އަދި އެއާއިއެކު މިބައިމީހުންގެ ސިހުރުތައް ތަންތަނަށް އަމާޒުކުރުމަށް ނިކުމެއެވެ. އާއްމުކޮށް ތަންތަނުގައި އެއްޗެހި ވަޅުލައި، ފެންއަޅާ ހަދަނީ މިބައިމީހުން މިވަގުތުއެވެ.

ގަދައަށް ވިއްސާރަ ކުރާ ދުވަސްވަރު

ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހޭ ދުވަސްވަރަކީވެސް ސިހުރުވެރިން ސިހުރު ހެދުމުގައި ބަލާ ދުވަސްވަރެކެވެ. ހާއްސަކޮށް ގެއަށް ހަދާ ސިހުރު ހެދުމަށް މި ދުވަސްވަރު ސިހުރުވެރިން ހާއްސަ އިސްކަމެއް ދޭ ކަމުގައި ރުގްޔާ ކުރާ ފަރާތްތަކުން ބުނެއެވެ.

އިރުއޮއްސޭ ވަގުތު

އިރުއޮއްސޭ ވަގުތަކީވެސް ޖިންނި ޝައިޠާނުންނާއި އެކުވެ ސިހުރުވެރި ދައްޖާލުން އަޅުކަންކުރާވެސް ވަގުތެކެވެ. މިވަގުތު އެންމެ ގިނައިން މިބައިމީހުން އަޅުކަންކުރުމުގެ ގޮތުން އޮރިޔާމުން، ނުވަތަ އޮރިޔާމުން ނޫނަސް މޫދުއެރި އިރަށް ވައްތަރުޖައްސާ އަޖިދައަށް ކޮރުލައެވެ. ތަނަކަށް ސިހުރެއް ހަދަންވެފައި އޮތްނަމަ، ބައެއްކަހަލަ ސިހުރު ގޭގެއަށްގޮސް މިބައިމީހުން މިވަގުތު ހަދާއުޅެއެވެ. އެގޮތުން ރަތްވިލާ އުނދަރެހުން ފިލައްޖައުމަށް ދާންދެން މިބައިމީހުން ސިހުރު ހަދާ އުޅެއެވެ.

ނޯޓް: މިއީ ކުރިން ރާއްޖޭގައި އުޅުއްވި ކުޅަދާނަ ލިޔުންތެރިން ލިޔުއްވާފައިވާ ފޮތްތަކުން ލިބުނު މައުލޫމާތާއި  ބައެއް ރުޤްޔާ ކުރާ ފަރާތްތަކުން ދިން މައުލޫމާތުގެ މައްޗަށް ލިޔެ ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.

1
0
1
1
2

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *