އިދިކޮޅު ޕީޕީއެމް އާއި އެ ޕާޓީއާއި އެކު ކޯލިޝަން ހަދާފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި އޮތީ މަކަރުވެރި ރޭވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ހުސެއިން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީގެ ލީޑަރޝިޕްވެސް ބަދަލު ނުވާ ކަމަށެވެ. އަދި ދެ ޕާޓީގައިވެސް މަކަރުވެރި ރޭވުމެއް އެބައޮތް ކަމަށާއި ދާދި އަވަހަށް އެވާހަކަތައް ދެއްކޭނެ ކަމަށް ހުސެއިން ވިދާޅުވިއެވެ. ނަމަވެސް މިކަމާއި ބެހޭ އިތުރު މައުލޫމާތެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
ރިޔާސީ އިންތިހާބާއި ނިމިގެންދިޔަ މަޖިލިސް އިންތިހާބުން ލިބުނު ނާކާމިޔާބީއާ އެކު ޕީޕީއެމްގެ ލީޑަޝިޕަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
އެގޮތުން އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ކުރިން ތިއްބެވި ބޭފުޅުންގެ ބަދަލުގައި މިހާރު ތިއްބެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ތ.ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޣައްސާން މައުމޫން އާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.
ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި މީގެކުރިން ތިއްބެވީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމްއާއި، ރަައީސް އޮފީހުގެ ކުރީގެ ލީގަލް މިނިސްޓަރު އާޒިމާ ޝަކޫރުއާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
މީގެތެރެއިން އަބްދުއްރަހީމަކީ މިހާރު ކޮންގްރެސް ޕާޓީގެ ރައީސެވެ. އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދަކީ އެ ޕާޓީގެ އެއް ނައިބު ރައީސެވެ.