އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރެވިގެން ނޫނީ، ފަޚުރުވެރި ޢާއިލާއެއް ބިނާ ނުކުރެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ގައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވީ، ބަވަނަވެފައި މިވާ އިންސާނީ މުޖްތަމަޢުގައި ފެތުރެމުންދާ، ބައިބައިކުރުމާއި ފަސާދަކުރުމުގެ ފިކުރުތަކުން ދަރީން ދުރުހެލިކޮށް، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ ވިސްނުން އަށަގެންނުވޭނީ، އިސްލާމީ ތަރުބިއްޔަތު ދަރިންގެ ކިބައިގައި އަށަގަންނުވައިގެން ކަމަށެވެ.

އަދި ކޮންމެ ޢާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކީވެސް، އެންމެ ޅަފަތުން ފެށިގެން ޢާއިލީ ލޯތްބާއި އޯގާތެރިކަން ލިބޭނެ ކުދިންކަން ކަށަވަރު ކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު މަޤްޞަދެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މި ސަރަޙައްދުގެ ޤައުމުތަކުގެ ކުޑަކުދިންގެ ޙާލަތާ އަޅައިބަލާއިރު، ރާއްޖޭގެ ކުޑަކުދިންގެ ޙާލަތު ނިސްބަތުން ރަނގަޅުކަން ފާހަގަ ކުރައްވައި، ދިވެހި ކުޑަކުދީންގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ބައެއް ކަންކަން އެބަހުރިކަން ބަޔާން ކުރެއްވިއެވެ. އެގޮތުން މިވަގުތު އެންމެ އިސްކަންދީގެން، ސަރުކާރުން ކުރިއަށް ގެންދަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް ފާސްކުރުމުގެ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ޚިޠާބުގައި، ތުއްތު ކުދީންގެ ޞިއްޙީ ދުޅަހެޔޮކަމާއި، ޖިސްމާނީ ހަށިހެޔޮކަމަށް، ހެޔޮ ބަދަލުތަކެއް ގެނެސްދޭންޖެހޭ ކަމަށާއި، އެކުދީންނަށް ހެޔޮލަފާ ތަރުބިއްޔަތެއް ދިނުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި، ހަށިހެޔޮ ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި، ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން، ކުޑަކުދިންގެ ޞިއްޙަތު ބެލޭނެ ދާއިމީ އިންތިޒާމުތަކެއް ހަމަޖެއްސުމަކީވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަންޖެހިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މިމޭރުމުން ޚިޠާބު ކުރިއަށް ގެންދަވަމުން، ޞިއްޙަތަށް ގެއްލުންހުރި ތަކެއްޗާއި، ޞިއްޙަތަށް ނުރަނގަޅު ތައްޔާރީ ކާނާގެ ބާވަތްތަކާ، ތުއްތު ކުދިން ދުރުކުރުމަށް، ކޮންމެ ބެލެނިވެރިއަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އުފުލުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *