ރަމަޟާން މަހަކީ ކާބޯތަކެތީގެ އަގުތައް އެހެން މަސްތަކަށް ވުރެ ހެޔޮކުރަންވީ މައްސަރުކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނީ ރަމަޟާން މަހަކީ އެކަކު އަނެކަކަށް އެހީވެ, އެއްބައިވަންތަކަމާއި އެކުގައި އުޅެން ޖެހޭ މައްސަރެއް ކަމަށެެވެ.
"ރަމަޞާން މަހަކީ އެކުވެރިކަމާއި އެކުގައި އުޅެންވީ މައްސަރެވެ. ރޫޅިފައިވާ ސަފުތައް އެއްވާންވީ މައްސަރެވެ. ޤައުމުގެ މަސްލަހަތު ކުރިއަށް ނެރެ މަސައްކަތް ކުރަންވީ މައްސަރެވެ. އިޖުތިމާއީ މައްސަލަތައް ހައްލުކުރަންވީ މައްސަރެވެ. ރަމަޟާން މަހަކީ ކާބޯތަކެތީގެ އަގުތައް އެހެން މައްސަރުތަކަށްވުރެ ހެޔޮކުރަންވީ މައްސަރުވެސް މެއެވެ"
މިއަދުގެ ހުތުބާގައިވަނީ ރަމަޟާން މަހަކީ ތަޤުވާވެރިވުމުގެ މައްސަރުކަމުގައިވެސް ބުނެފައެވެ.
މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ އުންމަތްތަކުގެ މީހުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވުނު ފަދައިން ތިޔަބައިމހުންގެ މައްޗަށް ﷲ ރޯދަ ފަރުޟުކުރައްވައިފިއެވެ. އެއީ، ތިޔަބައިމީހުން އެކަލާނގެއަށް ބިރުވެތިވެ ތަޤްވާވެރިވުމަށްޓަކައެވެ"
ރަމަޟާން މަހަކީ ކާބޯތަކެތީގެ އަގުތައް ހެޔޮކުރަންވީ މައްސަރުކަމުގައި ހުތުބާގައި ބުނެފައިވާއިރު، ރަމަޟާން މަހާއި ދިމާކޮށް ރާއްޖޭގެ ބާޒާރުގައި ބައެއް ކާބޯތަކެތީގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. އެގޮތުން ކޮންމެ ދުވަހަކުހެންމެ ބޭނުންކުރަން ޖެހޭނެ ބާވަތްތަކުގެ އަގުތައް ބޮޑުތަނުން އުފުލިގެން ދިޔައެވެ.
މިއަދުގެ ހުކުރު ހުތުބާ ނިންމާލަމުން ވަނީ ރަމަޟާން މަހުގެ ޘަވާބާއި ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އެންމެހާ މުސްލިމުންނަށް ވަސިއްޔަތް ކޮށްފައެވެ. އަދި މި މަތިވެރި މައްސަރުގެ ރަހުމަތުން އެއްކިބާނުވުމަށް ހެޔޮއަމަލުތައް ކުރުން މަތީ ސާބިތުވެ ހުރުމަށްވެސް ވަނީ ވަސިއްޔަތް ކޮށްފައެވެ.