ރަމަޟާން މަހު ﷲއަށްޓަކައި ރޭއަޅުކަން ކޮށްފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރަމަޟާން މަހުގެ ރޭތަކުގައި އަޅުކަން ކުރުމުގެ މާތްކަން ބަޔާންކުރައްވާ ހުތުބާގައި ވަނީ ތަރާވީޙް ނަމާދު ކުރުމުގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މާތް ރަސޫލާ  صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.

"އިމާމާ ނިމެންދެން އިމާމާއާ އެކު ނަމާދު ޤާއިމްވެ ހުރެއްޖެ މީހަކަށް އެރެއެއްގެ ރޭއަޅުކަން ލިޔުއްވޭ ހުއްޓެވެ."

ހަމަ އެހެންމެ، އިހްލާސްތެެރިކަމާއި އެކު الله ހަސްރަތުން ސަވާބާއި ދަރުމައަށް އެދިގެން ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކޮށްފި މީހާގެ އިސްވެ ގޮސްފައިވާ އެންމެހައި ފާފަތައް ފޮހެވޭނެ ކަމަށް މާތް ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ. 

"އީމާންކަމާއި އެކު ﷲގެ ޙަޟްރަތުން ޘަވާބާއި ދަރުމައެދޭޙާލު ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކޮށްފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާ ދެއްވާނެތެވެ"

ހުތުބާގައިވަނީ ރަމަޟާން މަހުގައި ޤުރުޢާން ކިޔެވުން އިތުރު ކުރުމުގެ މުހިންމު ކަމާއި ބެހޭ ގޮތުންވެސް ވާހަކަ ދައްކާފައެވެ. އެގޮތުން ރަމަޟާން މަހު ޤުރުއާން ކިޔެވުމަކީ ސަވާބާއި ދަރުމަ އިތުރަށް ލިބޭނެ ކަމެއް ކަމުގައި ބުނެފައިވެއެެވެ.

ރަމަޟާން މަހުގައި ޤްރުޢާން ބާއްވައިލެއްވުނީ ހައްޤާއި ބާތިލް ވަކިކޮށްދޭ ވަރުގަދަ ހުއްޖަތެއްކަމުގައެވެ.

މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ރަމަޟާން މަހަކީ އެ ޤުރުޢާން ބާއްވައިލެއްވި މަހެވެ. (އެ ޤުރުޢާން ބާއްވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި، ހިދާޔަތާއި، ހައްޤާއި ބާތިލު ވަކިކޮށްދެނިވި ހެއްކެއް ކަމުގައެވެ."

މީގެ އިތުރުން ރޯދަ މަހުގެ ދުވާލު ޖިމާއުވާ މީހާގެ މައްޗަށް ކައްފާރާ ވާޖިބުވެގެންވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެއީ އަޅަކު މިނިވަން ކުރުމެވެ. މިނިވަންކުރާނެ އަޅަކު ނުވާނަމަ، ޖެހި ޖެހިގެން ދެމަސް ދުވަހު ރޯދަ ހިފުމެވެ. އެކަމަށް ކުޅަދާނަވެގެން ނުވާނަމަ، ފަސްދޮޅަސް މިސްކީނުންނަށް ކާން ދިނުމެވެ.

ރަމަޞާން މަހަކީ އަޅުކަމާއި، ސާލިހު އަމަލުތައް ކުރުމުގެ މައްސަރެވެ! ތައުބާގެ މައްސަރެވެ! ރަމަޟާން މަހާއި ބެހޭ ގޮތުން އަސްހާބު ބޭކަލުންނަށް ފިލާވަޅު ދެއްވަމުން ލޮބުވެތި ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ރަމާޟާން މަސް ތިޔަބައިމީހުންނާއި ބައްދަލުކޮށްފިއެވެ. އެއީ ބަރަކާތްތެރިވެގެންވާ މައްސަރެކެވެ. އެމަހުގައި ރޯދަހިފުން ތިޔަބައިމީހުންގެ މައްޗަށް މާތްﷲ ފަރުޟު ކުރެއްވާފައިވެއެވެ. އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަަކައިގެ ދޮރުކޮޅުތައް ބަންދުކުރެވެއެވެ. އަދި ޝައިތާނުން ކަސްތަޅު އެޅުވެއެވެ. އެއްހާސް މައްސަރައްވުރެ ހެޔޮކަންބޮޑު ރެއެއް އެމަހުގައި ލެއްވިގެންވެއެވެ. އެރޭގެ ހެޔޮކަމުން މަހްރޫމްވެއްޖެ މީހާ، ހުރިހާ ހެޔޮކަމަކުން މަޙްރޫމްވެއްޖެއެވެ."

ރޯދަ ފަރުޟުވެގެންވަނީ ﷲއަށް ތަޤުވާވެރިވުމަށްޓަކައެވެ.

ހެޔޮ ނިޔަތުގައި، ސަވާބާއި ދަރުމަ އެދިގެން ކުރެވޭ ކޮންމެ ހެޔޮ ކަމަކީ އަޅުކަމެކެވެ. ތަޤުވާވެރިކަމެކެވެ.

މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ އުންމަތްތަކުގެ މީހުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވުނު ފަދައިން ތިޔަބައިމހުންގެ މައްޗަށް ﷲ ރޯދަ ފަރުޟުކުރައްވައިފިއެވެ. އެއީ، ތިޔަބައިމީހުން  އެކަލާނގެއަށް ބިރުވެތިވެ ތަޤްވާވެރިވުމަށްޓަކައެވެ"

ހުތުބާ ނިންމާލަމުން ވަނީ މި މާތް މައްސަރުގެ ސަވާބާއި ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އެންމެހާ ފަރާތްތަކަށް ވަސިއްޔަތް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *