އިސްލާމްދީނަކީ އެންމެ މަތިވެރި ދީނެވެ. އެއީ އިންސާނުން އުޅެންވީ އެންމެ ރަނގަޅު އުސޫލު ބަޔާންކުރައްވާފައިވާ ދީނެވެ. އެ ދީނުގެ ހުކުމްތައް އުނގެނި ދަސްކުރުމަކީ ކޮންމެ މުސްލިމަކު ކުރަން ޖެހޭނެ ކަމެކެވެ. އަދި އެ ދީން ފެތުރުމަކީވެސް ކޮންމެ މުސްލިމަކު ކުރަން ޖެހޭނެ ކަމެވެ. ހާއްސަކޮށް އެއީ ދީނީ އިލްމުވެރިންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު މަސްޢޫލިއްތެކެވެ.

އުންމަތުގެ އިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރިންނެވެ. ޤިޔާމަތް ދުވަހުން ދަރަޖައިގެ ގޮތުން ނަބިއްޔުންނާއި ޖެހިގެން ތިބޭނެ ބަޔަކީ ދީނީ އިލްމުވެރިންނެވެ. އިސްލާމްދީން ފެތުރެއްވުމަކީ އެފަރާތްތަކުގެ ދީނީ ވާޖިބެކެވެ.

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ.

"އިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރީންނެވެ."

އިސްލާމްދީނުގެ އިލްމު އުނގެނުމަށް ފަހު އެ އިލްމު އެހެން މީހުންނަށް ފޯރުކޮށްދިނުމުގެ ކުރިން އެއަށް ހުދު ތިބާ އަމަލުކުރަން އެބަޖެހެއެވެ. އެހެންނޫންނަމަ ކައްވަޅުގެ އަޒާބާއި ނަރަކައިގެ ވޭންދެނިވި އަޒާބު އެމީހަކަށް ހުންނާނެއެވެ.

އިލްމު އުނގެނުމަށް ފަހު އެއަށް އަމަލު ނުކުރާ މީހާއަށް ކައްވަޅުގައި ލިބޭނެ އަޒާބު

އެނގޭ އެއްޗަކަށް އަމަލު ނުކުރާ މީހާއަށް ކައްވަޅުގައި ލިބޭ އަޒާބު ވޭންދެނިވެގެންވެއެެވެ. އެގޮތުން އެފަދަ މީހުންގެ އަޒާބަކީ ހިލައަކުން އޭނާގެ ބޯ ފިސްފިސްކޮށް ޤިޔާމަތް ދުވަހާއި ހަމައަށް ހުރުމެވެ. އެކަން ކުރުމުގައި ދެ މަލާއިކަތުން ޤިޔާމަތާއި ހަމައަށް ދެމިތިބޭނެއެވެ.

އިލްމު އުނގެނުމަށް ފަހު އެއަށް އަމަލު ނުކުރާ މީހާއަށް ނަކަރައިގައި ލިބޭނެ އަޒާބު

އިމާމް ބުޙާރީ ރިވާކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.

"ޤިޔާމަތް ދުވަހު ނަރަކައަށް އެއްލައިލެވޭނެ މީހެކެވެ. އޭނާ ނަރަކައަށް އެއްލަވައި ލެއްވުމުން އޭނާގެ ބަނޑު ފަޅައި އޭނާގެ ގޮހޮރު ބަނޑުން ނުކުންނާނެއެވެ. އެހިނދު އޭނާ އެ ގޮހޮރު ވަށައިގެން އުޑީގެ ވަށައިގެން ހިމާރު އެނބުރޭފަދައިން އެބުރޭނެއެވެ. ހަމަ އެހިނދު ނަރަކަވަންތަ ވެރިން އޭނާގެ ގާތައް އަންނާނެއެވެ. އައިސް ދަންނަވާނެއެވެ. ބަލަ ކަލޭ މިތަނަށް އަންނަން ޖެހުނީ ކީއްވެގެންހެއްޔެވެ؟ ކަލެއަކީ އަހަރެމެންނަށް ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތަކުން މަނާކުރި މީހެކެވެ އެހެންކަމުން ކަލޭ މިތަނަށް އަންނަން ޖެހުނީ ކީއްވެހެއްޔެވެ؟ އެހިނދު އޭނާ ދަންނަވާނެއެވެ. އާއެކެވެ. ތިމަންނަ ހެޔޮކަންތައްތަކަށް އަމުރު ކުރީމެވެ. އެކަމަކު ހުދު ތިމަންނަ އެކަންތައްތަކެއް ނުކުރަމެވެ. ނުބައި އަމަލުތަކުންނާއި ނުބައި ކަންތައްތަކުން މީސްތަކުން މަނާކޮށް އުޅުނީމެވެ. އެކަމަކު ތިމަންނަ ހުދު ސިއްރު ސިއްރުން އެކަންތައް ކުރަމެވެ."

އިސްލާމްދީން އުނގެނި، އެދީން އެހެން މީހުންނަށް ފޯރުކޮށްދިން މީހާއަށް ބަރަކާތްލެއްވުން އެދި ރަސޫލާ صلى الله عليه وسلم ވަނީ ދުޢާކުރައްވާފައެވެ.

އެހެންކަމުން މިދީނުގެ ހުކުމްތަކާއި ދީނުގެ ނަފްސްތައް އަޅުގަނޑުމެން އުނގެނެން ޖެހޭނީ އެއަށް އަމަލު ކުރުމަށްޓަކައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *