އަތުބޮމަކާއިއެކު އަވައްޓެރި ސްރީލަންކާއިން މީހަކު ހައްޔަރުކޮށްފިއެވެ.
ލަންކާގެ ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ، ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ހިންގި އޮރަޕޭޝަނެއްގައި އަތުބޮމަކާއި އެކު އެގައުމުގެ ކަރަންޑެނިޔާއިން އުމުރުން 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެމީހާގެ އަތުން ފެނުނު އަތޮބޮމަކީ ބޭރުން އެތެރެކޮށްފައިވާ އަތުބޮމެއް ކަމަށާއި، ހައްޔަރުކުރެވުނު މީހާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެއްކަމަށެވެ. އެގޮތުން ވައްކަމާއި ފޭރުންފަދަ މައްސަލަތައް ހިމެނެއެވެ.
ލަންކާގެ ކަރަންޑެނިޔާއިން އަތު ބޮމަކާއި އެކު މީހަކު ހައްޔަރުކޮށްފައިވާއިރު، އެގައުމަށް ވަނީ މިދިޔަ މަހުގެ ތެރޭގައި ބޮން ގޮއްވައިގެން ވަރުގަދަ ނިރުބަވެރު ހަމަލާއެއް ދީފައެވެ. އެ ހަމަލާގެ ޒިންމާ ހައްދު ފަހަނަ އަޅައިފައިވާ އިސްލާމިކް ސްޓޭޓްސް، އައިއެސް އިން ވަނީ އުފުލާފައެވެ. ލަންކާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނީ އެ ހަމަލާތައް ދީފައިވަނީ އެގައުމުގައި ހަރަކާތްތެރިވަމުން އަންނަ ނިރުބަވެރި ޖަމާއަތެއް ކަމަށްވާ ތައުހީދު ޖަމާއަތުން ކަމަށެވެ. އައިއެސްގެ ލީޑަރު އަލް ބަޤުދާދީ ވަނީ ތައުހީދު ޖަމާއަތަކީ ލަންކާގައި ހަރަކާތްތެރިވަމުން އަންނަ އައިއެސްގެ ގޮތްޕެއް ކަމަށް ބުނެ އެ ޖަމާއަތަށާއި ބޮން ގޮއްވި ފަރާތްތަކަށް ތައުރީފްކޮށް ވާހަކަ ދައްކައިފައެވެ.
ލަންކާއަށް ދިން ބޮމުގެ ހަމަލާތަކަށް ފަހު އެގައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން އެގައުމުގެ ފުލުހުންނާއި ސިފައިން ގުޅިގެން ދަނީ ހާއްސަ އޮޕަރޭޝަންތަކެއް މުޅި ގައުމުގައި ކުރިއަށް ގެންދަމުންނެވެ.