ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަަސްމީ ދަތުރުފުޅެއްގައި މިއަދު ރޮމޭނިއާއަށް ފުރާ ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މިނިސްޓަރ ޝާހިދު މެލެސްކާނޯ އާއި މަޝްވަރާ ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މިނިސްޓަރ ރޮމޭނިއާގެ ބޮޑު ވަޒީރުގެ ނައިބު އަނާ ބަޗޯލްގެ އަރިހަށް އިހްތިރާމުގެ ޒިޔާރެތެއްވެސް ކުރައްވާނެ އެވެ.
އަދި އެގައުމުގެ ސަރުކާރުގެ އެހެން އިސްވެރިންނާ ބައްދަލުކުރައްވާ ރާއްޖޭ އާއި ރޮމެނިއާގެ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހިވެގެންދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދް ހަލީލް އާއި އެމިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ ފާތުމަތު ރަޒާނާ ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
މި ދަތުރުފުޅަކީ ރޮމޭނިއާގެ ފޮރިން މިނިސްޓަރު މެލެސްކާނޯގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.