މޭބިސްކަދުރަކީ ދިވެހިރާއްޖޭގައި ހައްދާ މޭވާއެއް ކަމަށް ނުވިނަމަވެސް މޭބިސްކަދުރާއި ބެހޭ ގިނަ މައުލޫމާތު ދިވެހިންނަށް އެނގެއެވެ. އެއީ ބޮނޑިއެއް ގޮތަށް ގޮފިތަކުގައި އަޅާ މޭވާއެއްކަމާއި، މޭބިސްކަދުރު އަޅަނީ ވެލެއްގައި ކަމާއި، ވަށް ކޮށް ހުންނަ އެކި ސައިޒް ސައިޒަށް މޭބިސްކަދުރު ހުންނަކަމާއި، ރަތް ކުލަ، ދަނބުކުލަ، ފެހި ކުލަ ފަދަ ތަފާތު ކުލަތަކުގައި ހުންނަކަންވެސް ދިވެހިންނަށް އެނގެއެވެ. މި ހުރިހާ ކަންކަން އެނގޭއިރު މޭބިސްކަދުރަކީ އޭގައި ގިނަ އަދަދެއްގެ ސިއްހީ ފައިދާތައް އެކުލެވިގެންވާ މޭވާއެއްކަން ދެނެހުރިންހެއްޔެވެ؟

މޭބިސްކަދުރަކީ ކާނާތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފައިދާހުރި މާއްދާތައް އޭގައި އެކުލެވޭ ކަމަށް މަޝްހޫރުވެފައިވާ މޭވާއެކެވެ. މިގޮތުން އޭގައި މަތީ މިންވަރަކަށް ޕޮޓޭޝިއަމް، ކާބޯހައިޑްރޭޓްސް، ޕްރޮޓީން، ކެލްޝިއަމް، އަޔަން، މެގްނީޝިއަމް، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން ބީ ސިކްސް އެކުލެވިގެންވެއެވެ. މި ކުޑަކުޑަ މޭވާއަކީ ފައިދާތަކުން ފުރިގެންވާ މޭވާއެއްކަން މިކަމުންވެސް ދޭހަވެގެންދެއެވެ.

ކޮންމެ ދުވަހަކުވެސް ގަވާއިދުން މޭބިސްކަދުރު ކާނަމަ ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ކޮންމެ މީހަކުވެސް އެބަދަލުތަކާއި މެދު ހިތްހަމަޖެހި، އުފާވާނެ ބަދަލުތަކެއްކަން ޔަގީނެވެ. އޭގެތެރެއިން ބައެއް ބަދަލުތައް ބަޔާންކޮށްލަމެވެ.

ކޮންމެ ދުވަހަކުވެސް މޭބިސްކަދުރު ކާނަމަ ފެންނާނެ ބައެއް ބަދަލު

މީހާގެ ހަށިގަނޑުގައި ހަކަތަ ހުންނަ މިންވަރު މަތިވުން

މޭބިސްކަދުރަކީ އޭގައި މަތީ މިންވަރަކަށް ކާބޯހައިޑްރޭޓް އަދި ސެލިއުލޯސް އެކުލެވިގެންވާ މޭވާއެކެވެ. މި ދެ މާއްދާއަކީވެސް މީހާގެ ގައިގައި ވަރު ޖައްސުވައި، ހަކަތަ އިތުރުވުމަށް މެދުވެރިކުރުވާ މާއްދާތަކެކެވެ. ގިނަ މޭބިސްކަަދުރު ކާ ވަގުތުގައިވެސް މީހާއަށް ކުއްލިއަކަށް ހަކަަތަ ލިބޭނެއެވެ. އެއަށްވުރެވެސް މޮޅު ކަމަކީ، މޭބިސްކަދުރުގައި ގިނައިން ފައިބަރ އެކުލެވިފައިވުމުގެ ސަބަބުން އެ ބައިތައް ހަށިގަނޑުގައި ގިނައިރު ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ގިނައިރު ހަށިގަނޑުގައި ހަކަތަ އަދި ވަރު ހުރެއެވެ. މިއީ ރޯދަ މަހުގައި ކެއުމަށް ވަރަށް ފުރިހަމަ މޭވާއެކެވެ.

ހަޖަމްކުރުމުގެ ނިޒާމުގެ ސިއްހަތު ރަނގަޅުވުން

މޭބިސްކަދުރުގައި މަތީ މިންވަރަކަށް ފައިބަރ އެކުލެވިގެންވެއެވެ. މިއީ ހަޖަމްކުރުމުގެ ނިޒާމު ކުރިއަށް ގެންދިޔުމުގައި އެހީވެދޭ މާއްދާއަކަށް ވަނީ ވެފައެވެ. މި މޭވާގައި އެކުލެވިގެންވާ ފައިބަރގެ މާއްދާއަކީ އެހެން ބައެއް ކާނާތަކާއި ތަފާތުކޮށް، ގިނައިރު އެހެން މާއްދާތަކާއި އެކުވުމެއް ނެތި ގޮހޮރުގައި ދެމިހުންނަ ފައިބަރ އެކެވެ. މި ގޮތުން ގިނައިރު ގޮހޮރުގައި ގާއިމްވެ ހުރެ، ގޮހޮރުގެ ބޭރު ފަށަލަތައް ދުޅަހެޔޮކަންމަތީ ބަހައްޓަން މޭބިސްކަދުރު އެހީވެދެއެވެ. މޭބިސްކަދުރުގައި އެކުލެވިގެންވާ ފެނަކީވެސް ހަޖަމްކުރުމުގެ ނިޒާމު ރަނގަޅަށް ކުރިއަށް ގެންދިޔުމުގައި މުހިންމު އެއްޗެކެވެ.

ގިނަ ވައްތަރުގެ ކެންސަރުތަކުން ދިފާއުވުން

މޭބިސްކަދުރަކީ އޭގައި ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވާ މޭވާއެކެވެ. މި ގޮތުން ޓޮކްސިންއާއި ހަށިގަނޑަށް ނޭދެވޭ އަސަރު ފޯރުވާ ގިނަ މާއްދާތައް ނައްތާލުމަށް އެހީވެދޭ އެންޓިއޮކްސިޑެންޓްތައް އަބަދުވެސް މަސައްކަތްކުރަނީ ހަށިގަނޑުގެ ސިއްހަތު ދުޅަހެޔޮކަންމަތީގައި ދެމެހެއްޓުމަށެވެ. މި އެންޓިއޮކްސިޑެންޓް ދުރުކޮށްދޭ ބައެއް ކެންސަރުތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ހިމެނެއެވެ. މޭބިސްކަދުރުގައި އެކުލެވިފައިވާ ބައެއް އެންޓިއޮކްސިޑެންޓްތަކަކީ ޕޮލީ-ފީނޯލް، ރެސްވެރަޓްރޯލް އެވެ. ކޮންމެ ދުވަހަކު ގަވާއިދުން މޭބިސްކަަދުރު ކެއުމަކީ ކެންސަރު ބަލިތައް ޖެހުމުގެ ފުރުސަތު ހަނިކޮށްދޭ ކަމެކެވެ.

ނޭވާލާން ފަސޭހަވުން

ސައެންސިސްޓުން ވަނީ ގިނައިން ނުވަތަ މަދުން މޭވާއާއި ތަރުކާރީކެއުމާއި ނޭވާ ހިއްލުން ފަދަ ނޭވާލުމަށް ދިމާވާ ދަތިތަކާއި ހުރި ގުޅުން ދިރާސާތަކުގެ އަލީގައި ހޯދައިފައެވެ. އެގޮތުން ހޯދައިފައިވާ ހޯދުންތަކުގެ ތެރޭގައި ގިނަގިނައިން މޭވާއާއި ތަރުކާރީ ކެއުމަކީ ނޭވާލާން ފަސޭހަވެގެންދާ ކަމެއްކަން ވަނީ ހޯދައިފައެވެ. 2007 ވަނަ އަހަރުގައި ކުރެވުނު ދިރާސާތަކަކުން ދެއްކިގޮތުން ގިނައިން މޭބިސްކަދުރުފަދަ މޭވާތައް ކައިގެން ބޮޑުވާ ކުދިންނަށް ނޭވާ ލުމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު މާ ހަންޏެވެ. އެހެންކަމުން ގަވާއިދުން މޭބިސްކަދުރު ކެއުން މުހިންމެވެ.

ކިޑްނީގެ ބަލިތަކުން ދުރުވުން

މޭބިސްކަދުރުގައި އެންތޮކަޔަނިންފަދަ ބާރުގަދަ އެންޓިއޮކްސިޑެންޓް އެކުލެވިގެންވެއެވެ. މިއީ މޭބިސްކަދުރަށް އޭގައިވާ ރަތްކުލަ ނުވަތަ ދަނބުކުލަ ޖައްސުވައިދޭ ސަބަބުވެސް މެއެވެ. މި މާއްދާއަކީ ހަށިގަނޑުގައި ހުންނަ މުހިންމު ސެލްތައް މަރާލައި ނައްތާލުމަށް މަސައްކަތްކުރާ ނުރައްކާތެރި އެއްޗެއްކަމަށްވާ ފްރީ ރެޑިކަލްތައް ނައްތާލުމަށް އެހީވެދޭ މާއްދާއެކެވެ. މި ފަދަ ފްރީ ރެޑިކަލް އަކީ ކިޑްނީތަކުގައި އިންފެކްޝަންތައް އުފައްދައި ބަލިތައް ޖައްސަން މެދުވެރިކުރާ އެއްޗެކެވެ. އެހެންކަމުން ފްރީ ރެޑިކަލްތައް ނައްތާލުމުގެ ބާރުހުންނަ މާއްދާ އެކުލެވޭ މޭވާ ކެއުން ބުއްދިވެރިއެވެ.

މީގެ އިތުރުން ގަވާއިދުން މޭބިސްކަދުރު ކާނަމަ މީހާގެ ހަށިގަނޑު ވަރުގަދަވެ ސްޓެމިނާ އިތުރުވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *