ދިރިއުޅުމަކީ އިމްތިހާނެކެވެ. މި އިމްތިހާނުން ފެއިލުނުވެ ކާމިޔާބީ ހާސިލުކުރުމަށް އެތަކެއް ގުރުބާނީތަކަކާއި ކުރިމަތިލާންޖެހޭނެއެވެ. އެތަކެއް އާ ތަޖްރިބާތަކެއް ކުރަން ޖެހޭނެއެވެ. ހިތްވަރާއިއެކު ގަދައަޅައި، މަސައްކަތްކުރަން ޖެހޭނެއެވެ. ދުނިޔެވީ އެދުންތަކަށް ވުރެ އުޚުރަވީ ފައިދާއަށް އިސްކަމެއް ދޭން ޖެހޭނެއެވެ. ދުނިޔެއަށް ވުރެ އާޚިރަތް އިސްކުރަން ޖެހޭނެއެވެ. ދިރިއުޅުމުގެ އިމްތިހާނުން ފެއިލުނުވެ ކާމިޔާބީގެ އައްސޭރިއަށް ވާސިލުވެވޭނީ އެންމެ ގަދަކީރިތިވަންތަ ރަސްކަލާނގެއަށް ކުއްތަންވެ، ހެޔޮއަމަލު ކުރުމުގައި ދެމިހުންނަ ޞާލިހު އަޅުންނަށެވެ.

އަހަރެމެން މި ވަގުތީ އާލަމުގައި ދިރިއުޅުމުގެ ދުވަސްތައް ހޭދަކުރަމުންދާއިރު، ދުނިޔެ މަތިން މާޔޫސްވެ އުންމީދު ކެނޑިގެންދާ އެތައް ވަގުތުތަކެއް އަންނާނެއެވެ. ދިރިހުރުމުގެ އެއްވެސް މަގްސަދެއް ނެތޭ ހިތަށް އަރައި އެތައް ދަނޑިވަޅުތަކެއް ތިބާއާއި ބައްދަލުކުރާނެއެވެ. ތިބާގެ އާއިލާއާއި އެކުވެރިންނާއި އަދި ގާތްތިމާގެ މީހުން މަތިން ފޫހިވާ ވަގުތުތައް ވެސް އަންނާނެއެވެ. ނަމަވެސް އެކަހަލަ ކޮންމެ ވަގުތެއްގައިވެސް ތިބާ ހެއްދެވި ކަލާނގެ މަތިން އުންމީދު ކަނޑާނުލާށެވެ. ދުނިޔޭގައި ވާހާ އެއްޗެއް ވުޖޫދަށް ގެންނެވި މާތް އިލާހަކީ އެންމެ އޯގާވެރިވަންތަ އިލާހެވެ. ތިބާ ދުނިޔެ މަތިން އުންމީދު ކެނޑި، ދިރިއުޅުން މަތިން ފޫހިވެގެންދާ ވަގުތުތަކުގައިވެސް ﷲ މަތިން އުންމީދު ކަނޑާނުލާށެވެ.

ދުނިޔޭގައި ދުވަސްތައް ހޭދަކުރަމުންދާއިރު އެއްވެސް މީހަކަށް ހަމަގައިމުވެސް އަބަދަކު އުފަލެއްގައި ނޫޅެވޭނެއެވެ. ރޭގަނޑުގެ އަނދިރިކަމުގެ މައްޗަށް ދުވާލުގެ އަލިކަން ގަދަވެގަންނަ ބީދައިން، ދިރިއުޅުމުގައިވެސް ހިތާމަވެރި ކަނު އަނދިރި ދުވަސްތަކަކަށް ފަހު އުފާވެރި ދުވަސްތަކެއް އަންނާނެއެވެ. މި ދުނިޔޭގައިވާ އެއްވެސް އެއްޗަކީ ދާއިމީ އެއްޗެއް ނޫނެވެ. މިއީ ވަގުތީ ތަނެކެވެ. މިއަދު ތިބާ ބޭނުންވާ ކަމެއް ހާސިލުނުވިއަސް މާޔޫސް ނުވާށެވެ. އޭގެ ބަދަލުގައި ސުވަރުގެވަންތަވެރިއަކަށް ވުމަށް މަސަައްކަތް ކުރާށެވެ. ދުނިޔެ މަތީގައި ފައިސާގެ ފަހަތުން ހޭބޯނާރައި ނުދުވާށެވެ. އޭގެ ބަދަލުގައި ހެޔޮ އަމަލުކޮށް އަޅުކަން ކުރުމުގައި އަވަދިވާށެވެ. ސަބަބަކީ ތިބާއާއި މަރު ބައްދަލުކުރާނީ ކޮން ވަގުތަކު ކަމެއް ނޭނގޭނެތީއެވެ.

މާތްﷲއަށް ކުއްތަންވެ އެކަލާނގެ މަތިން އުންމީދު ކަނޑާނުލާ އަޅަކަށް ހަމަގައިމުވެސް އެކަލާނގެ ދެރަގޮތެއް މިންވަރެއް ނުކުރައްވާނެއެވެ. ކޮންމެ ކަމެއްގައިވެސް ދަސްކުރަންވީ ކެތްތެރިވެ، ހެއްދެވި އިލާހު މަތިން އުންމީދު ކަނޑާ ނުލައި ދެމިހުންނާށެވެ. ދިރިއުޅުމުގައި ދިމާވާ ކަންތައްތައް ވެސް މާތް ﷲގެ ހަޟްރަތުގައި ދެންނެވުމަށް އާދަކުރާށެވެ. ހަމަ ޔަގީނުންވެސް ތިބާއަކަށް އެކަލާނގެ ހަޟްރަތުން ނާއުންމީދާއި ކުރިމަތިލާކަށް ނުޖެހޭނެއެވެ. ދަސްކުރަންވީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި މައްސަލަތަކާއި ކެރިގެން ކުރިމަތިލާށެވެ. ދިރިއުޅުމުގައި ދިމާވާ މައްސަލަތަކުން ފިލަން ދުވާނީ ފިނޑިންނެވެ. ކޮންމެ ކަމެއްގައި، މާތް ﷲ އަބަދުވެސް މިންވަރުކުރައްވާނީ އަދި ދައްކަވާނީ ވެސް އެންމެ ރަނގަޅު މަގުކަމަށް ގަބޫލުކުރައްވާށެވެ. ﷲގެ މަތިން އުންމީދު ކަނޑާނުލާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *