ފިނޭންސް މިނިސްޓްރީއިން، ތާރީޚީ މިސްކިތެއްކަމަށްވާ ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތާއި ހަވާލުވާނެ ބަޔަކު ހޯދަން އަލުން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީއިން ބުނިގޮތުން ކަޅުވަކަރު މިސްކިތް ބަހައްޓާނެ ފަރާތެއް އަލުން ހޯދަން އިއުލާންކުރީ ނިމިދިޔަ އޭޕްރިލްމަހުގެ 8 ވަނަ ދުވަހުގައި އެކަން ކުރުމަށް ފުރުސަތު ހުޅުވައިލުމުން އެމަހުގެ 22 ވަނަ ދުވަހާއި ހަމައަށް ސުންގަޑި ހަމަވިއިރުވެސް އެކަމަށް މާބޮޑު ކުރިއެރުމެއް ލިބިފައިނުވާތީއެވެ. އަދި އަލަށް ހުޅުވާލި ފުރުސަތުގައި މިސްކިތް ބަހަށްޓައިދޭން ޝައުގުވެރިވާ ފަރާތްތަކުން މި ހިނގާ މެެއިމަހުގެ 22 ވަނަ ދުވަހުގެ ކުރިން ފިނޭންސަށް އެކަން އެންގުން އެދޭކަމުގައިވެސް ފިނޭންސުން ބުނެފައިވެއެވެ.
ބިޑް ހުޅުވުން އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.
ކަޅުވަކަރު މިސްކިތް ބަހައްޓަން ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000ރ. ދައްކަން ޖެހޭނެކަމަށާއި ބީލަމުގައި ބައިވެރިވާން 500ރ. ގެ ފީއެއް ދައްކަން ޖެހޭ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.
ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަކީ މީގެ ކުރިން ދިރާގުގެ ހެޑް އޮފީސް ހުރި ބިމެވެ. ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ފަހު އެ މިސްކިތް ބޭނުން ކުރާނީ ނަމާދު ގެއެއްގެ ގޮތުގައި ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ.
ކަޅުވަކަރު މިސްކިތް މާލޭގައި އަލުން ރާވައި މާލޭގައި ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅެކެވެ.