ބަވަނަވަމުންދާ ދުނިޔޭގައި ސްމާޓް ފޯން މިވަނީ ހުރިހާ އުމުރެއްގެ މީހުންގެ އެންމެ ގާތް އެކުވެރިޔާއަށް ވާން ކައިރިވެފައެވެެ. ކުޑަކުއްޖަކަސް މިހާރު ސްމާޓް ފޯނާއި ކުޅެން ނޭނގޭ ކުދިން ވަރަށް ވެސް މަދުވާނެއެވެ.
އޭގެއިންވެސް މި އެކުވެރިޔާ ރޯދަމަހުގައި އެންމެންގެ ހިތްތަކުން މާ ވަރުގަދަ ޖާގައެއް ހޯދައެވެ. ހިތްތަކުގެ އެންމެ ހިމަ ނާރާއި ކުޅެލައެވެ.
ދުނިޔެ ތަރައްގީ ވަމުންދާ ވަރަކަށް ޓެކްނޮލަޖީވެސް ދަނީ ކުރިއަރަމުންނެވެ. އެ ގޮތުން ފޮތްތަކާއި ހުރިހާ އެއްޗެއް އޭގެ މަގާމް ކަމަށްވާ ލައިބްރަރީތައް ދޫކޮށް ދިރިއުޅެމުން އަންނަނީ އެއްކަލަ ސްމާޓްފޯން ތަކުގެ ތެރޭގައެވެ.
ރޯދައާއި ސްމާޓް ފޯން ގުޅުވައިން މި އާޓިކަލް ލިޔަން އަޅުގަނޑު ނިންމީ މިފަދަ ވަރަށް ގިނަ ސަބަބުތައް ވާތީއެވެ. ނަމާދު ނިމިގެން ޤުރުއާން ކިޔެވުމަށްވެސް ގިނަ ފަރާތްތައް މިހާރު ބޭނުން ކުރަމުންދަނީ އެއްކަލަ އެކުވެރިޔާއެވެ. "ހިތް އުފާ ވާނެހޭ ދެން ކަލާޔާނުލާ" މި ލަވައިގައި ބުނާހެން ސްމާޓް ފޯނާއި ނުލާ މިހާރު ދިރިއުޅެންވަނީ ދަތިވެފައެވެ. ހިތްހަމަ ޖެހުމާއި އުފާވެރިކަންވަމީ އެއާ ގުޅި ލާމެހިފައެވެ.
ރޯދަ ކުރުކުރަންވެސް އެންމެ އަވަސްކޮށް ބޭނުން ކޮށްލެވެނީ ސްމާޓް ފޯނެވެ. މިސްކިތްތަކުން ވެސް ފެންނަ މަންޒަރަކީ މިއީ އެވެ. ޒަމާނުއްސުރެ ގުރުއާން ކިޔެވުމަށް ބޭނުންކުރަމުން އައި ޚަތިމުތައް ހުޅުވާލައިގެން ކިޔަވަން ތިބޭ މީހުން ފެންނަ މިންވަރު މިހާރު މަދެވެ. އިތުރުވަމުން ދަނީ ފޯނަށް ގުރުއާނުގެ އެޕްލިކޭޝަނެއް އަޅައިގެން ފޯނުން ގުރުއާން ކިޔަވަން ތިބޭ މީހުންނެވެ.
އެގޮތުންވެސް މޯބައިލް ފޯނުން މި ރޯދަމަހުގައި އެންމެ ވައިގައި ހިފައި ފޯރިއަރަމުން އަންނަ އެއްޗަކީ ޕަބްޖީއެވެ.
އެކަން އާންމުވެފައިވަނީ ހަމައެކަނި ޒުވާނުންނޭވެސް ބުނެވޭކަށްނެތެވެ. ސަބަބަކީ ކުދި ބޮޑު މީހުންގެ ތެރެއިން ގިނަ ބަޔަކު މި ކުޅިގަނޑު ކުޅޭތީއެވެ. މި ގޭމެއްގެ ފޯރިއެއް ދިވެހިންގެ ތެރޭގައި ގަދަވެގެން ގޮސްފައި އޮތް މިންވަރަކީ ބަރަކާތްތެރި ރަމަޟާން މަހުގައި ނަމާދު ގަޑި ފާއިތުވެގެން ދާއިރުވެސް އެކަމަށް ފަރުވާލެއްނެތި ގޭމް ކުޅުމާއިގެން ކުރިޔަށްދާ ކަމެވެ.
ފޯނުތަކާއި ވެސް ކުޅެންވީއެވެ. ޕަބްޖީވެސް ކުޅެންވީއެވެ. ނަމަވެސް މައްސަލައަކީ ރަމަޟާން މަހުގައި ނަމާދު ވަގުތުތަަށް ދޫކޮށްލެވި ފޯނުގެ ތެރޭގައި އިނދެވުމެވެ. އިސްކަން ދޭންވީ ފޯނަކަށް ނޫނެވެ. ދީނީ އަޅުކަމަށެވެ.