ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޕެޓްރޯލް ވިއްކުމުގެ ޚިދުމަތްދޭ ޝެޑްތައް ރަމަޟާންމަހުގައި ހުޅުވާފައި ހުންނާނެ ގަޑިތައް އެ ކުންފުނިން އިއުލާންކޮށްފިއެވެ.
އެފެއެސްއިން އިއުލާންކޮށްފައިވަނީ އެ ކުންފުނީގެ ރަސްމީ ޓްވިޓާ ޕޭޖުން އިއްޔެ ނެރުނު ތާވަލެއްގައެވެ. އެ ތާވަލްގައިވާ ގޮތުން، ކޮންމެ ހުކުރު ދުވަހެއް ފިޔަވައި ދެން ހުރި ދުވަސްތަކުގައި ފެޓްރޯލް ޝެޑުން ޚިދުމަތް ދެވޭނީ ހެނދުނު 10 ޖަހާއިރުން ފެށިގެން ހަވީރު 5 ޖެހުމާ ހަމައަށެވެ. ދެން ޕެޓްރޯލް އެޅުމުގެ ޚިދުމަތް ޝެޑުތަކުން ފޯރުކޮށްދިނުން ކުރިއަށް ގެންދެވޭނީ ރޭގަނޑު 8 އިން ފެށިގެން އެރޭގެ ދަންވަރު 1 ޖަހަންދެން ކަމަށް އެފްއެސްއެމް އިން ބުންޏެވެ.
ހުކުރު ދުވަހުގައި ޕެޓްރޯލް ޝެޑްތައް ހުޅުވާފައި ހުންނާނީ މެންދުރުފަހު 2 ޖަހާއިރުން ފެށިގެން ހަވީރު 5 ޖަހަންދެންނެވެ. ދެން އެއަށްފަހު ޕެޓްރޯލް ޝެޑްތައް ހުޅުވާނީ އެ ރޭ 8 ޖަހާއިރުގައެވެ. 8 ޖަހާއިރުން ފެށިގެން ދަންވަރު 1 ޖަހަންދެން ޕެޓްރޯލް ޝެޑް ތައް ހުޅުވައިފައި ހުންނާނެއެވެ.