ހޯމަ ދުވަހު ހެނދުނު ހުޅުމާލޭގައި ހިނގި ބަސް އެކްސިޑެންޓުގައި މަރުވި ޔޫކްރެއިން އަންހެން މީހާގެ ހަށިގަނޑު އޭނާގެ އާއިލާއާއި ހަވާލުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ, އެކްސިޑެންޓުގައި މަރުވި ޔޫކްރެއިންގެ އަންހެން މީހާގެ ހަށިގަނޑު މިހާރު އޭނާގެ އާއިލާ މީހުންނާ ހަވާލުކޮށްފައިވާ ކަމަށާއި، ހަށިގަނޑު އަނބުރާ ގައުމަށް ގެންދިއުމަށް މަސައްކަތް ކުރަމުން ދާނީ އާއިލާ އިން ކަމަށެވެ.
މަރުވި އަންހެން މީހާގެ އާއިލާއިން ވަނީ އިއްޔެ ރާއްޖެ އައިސްފައެވެ. މަރުވި އަންހެން މީހާގެ ހަށިގަނޑު ފޮނުވުމަށް ކުރަން ޖެހޭ ހަރަދާއި، އެހެނިހެން ހަރަދުތައް ބަލަހައްޓަމުންދާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އުމުރުން 31 އަހަރުގެ ޔޫކްރޭން އަންހެން މީހާ މަރުވީ އެމްޓީސީސީގެ ޑްރައިވަރު ނިދި ޖެހިފައި އިނދެ ބަސް ދުއްވަނިކޮށް ކޮންޓްރޯލުން ނެއްޓި އޭގެ ދަށުވެގެންނެވެ.
އެ މައްސަލައިގައި ބަސް ދުއްވަންއިން ޑްރައިވަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ވަނީ ތިން ދުވަސް ޖަހާފައެވެ. އަދި މުއްދަތު އިތުރުކުރުމަށް މިއަދު އޭނާ ކޯޓަށް ހާޒިރުކުރާނެއެވެ.