ރަމަޟާން މަހަކީ އަހަރުގައި އަންނަ އެންމެ ބަރަކާތްތެރި އެއް މަހެވެ. އެ މައްސަރަކީ އެ މަހެއްގައި ކީރިތި ޤުރުއާން ބާވައިލައްވައި އިންސާނުންގެ މައްޗަށް ރޯދަ ފަރިޝުކުރެއްވުނު މައްސަރެވެ. އެ ގޮތުން މި މައްސަރުގައި މާތްﷲ ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވުމަށް ރޭ އަޅުކަން ކުރުން އިތުރު ކުރުން މުހިންމެވެ.
ރަމަޟާން މަހުގައި ރޭ އަޅުކަން ކުރުމަކީ ސުންނަތުން ސާބިތުވެފައިވާ ކަމެއްވެސް މެއެވެ. އެ ގޮތުން ރަމަޟާން މަހުގެ ފުރަތަމަ 10 އެއްގައިވަނީ ﷲ ރަހުމަތެވެ. މެދު 10 އެއްގައިވަނީ ފާފަ ފުއްސެވުމެވެ. އަދި ހަމަ އެހެންމެ ފަހު 10 ގައިވަނީ ނަރަކައިން މުއްތި ކުރެއްވުމެވެ.
އެހެންކަމުން މި ނިއުމަތްތައް ހޯދުމަށްޓަކައި ރަމަޟާން މަހުގައި ރޭ އަޅުކަން އިތުތުކޮށް ﷲ އަށް ކުއްތަންވުން މުހިންމެވެ. ސަބަބަކީ އެ މާތް މައްސަރުގައި އެއްހާސް މައްސަރަށްވުރެ ގިނގުނަ ހެޔޮ ވެގެންވާ މާތް ރެޔެއް ވުމެވެ. ތި ހީކުރެވުނީ ރަނގަޅަށެވެ. އެއީ ލައިލަތުލް ޤަދްރި ވިލޭރެއެވެ.
މިހުރިހާ ކަމަކަށްވުރެ ރޭއަޅުކަން ކުރާ މީހުނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އަޅަމެންގެ ވެރި ގަދަ ކީރިތިވަންތަ ރަސްކަލާނގެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެން ވަޙީކުރެއްވުމެވެ. [ތިމަން ރަސްކަލާނގެއަށް ދުޢާ ކުރަނީ ކާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ އިޖާބަ ކުރެއްވުމަށެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުން ކަމަކަށް އެދި ސުވާލު ކުރަނީ ކާކު ހެއްޔެވެ؟ ފަހެ އޭނާ އެދޭ ކަންތައް އޭނާއަށް ދެއްވުމަށެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެނީ ކާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ ފުއްސެވުމަށެވެ.] (ރަވާހުލް ޖަމާޢާ) އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެގެން ވިއެވެ.
ހަމަކަށަވަރުން ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާ ރަމަޟާން މަސް އައި ހިނދު ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ ގާތަށް ބަރަކާތްތެރި މައްސަރެއް އަތުވެއްޖެއެވެ."
ސަލްމާނުލް ފާރިސީގެ ކިބައިން އިބުނު ޚުޒައިމާ އާއި، އިބުނު ޙިއްބާނާއި، އަލްބައިހަޤީ ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (ޝަޢްބާން މަހުގެ އެންމެ ފަހު ދުވަހު ތިމަންމެނަށް ސަލާމާއި ޞަލަވާތް ލެއްވި ރަސޫލު ﷲ ގެފާނު ޚުޠުބާއެއް ދެއްވިއެވެ. އެޚުޠުބާގައި ޙަދީޘް ކުރެއްވިއެވެ. "[މީސްތަކުންނޭވެ! ބަރަކާތްތެރި މަތިވެރި މައްސަރެއް ތިޔަބައި މީހުންގެ މައްޗަށް ހިޔާ އަޅައިފިއެވެ. އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް އެމަހުގައިވާ މައްސަރެކެވެ. ދުވާލު ރޯދައަށް ހުރުން އެމަހުގައި ފަރުޟެއް ކަމުގައި ލެއްވިއެވެ."
އަދި އެމަހުގައި ހެޔޮ ކަމަކާއިގެން ކުއްތަންވެއްޖެ މީހާ އެނޫން މަހެއްގައި ފަރުޟެއް އަދާކުރި މީހަކު ފަދައެވެ. އަދި އެއީ ކެތްތެރިކަމުގެ މަހެވެ. ކެތްތެރިކަމުގެ ޖަޒާއަކީ ސުވަރުގެއެވެ. އަދި އެއީ އެކަކު އަނެކަކަށް އެހީވުމުގެ މަހެވެ. އެމަހުގައި މުއުމިނުންގެ ރިޒުޤު އިތުރު ކުރައްވައެވެ. އެމަހުގައި ރޯދަވެރިޔަކަށް ރޯދަ ވީއްލާނޭ އެއްޗެއް ދީފި މީހާއަށް އޭނާގެ ފާފަތަކުގެ ކައްފާރާއެއް ކަމުގައި ވިއެވެ. އަދި އޭނާ ނަރަކައިން މުއްތި ކުރެއްވުމެއް ކަމުގައި ވިއެވެ. އަދި އޭނާއަށް، ރޯދަވެރިޔާއަށް ދަރުމަ ވާފަދައިން ދަރުމަވެއެވެ. ރޯދަވެރިޔާގެ ދަރުމައިން އުނި ކުރެއްވުމެއް ނެތިއެވެ.
އަޞްޙާބު ބޭކަލުން ދެންނެވިއެވެ. "ރަސޫލު ﷲ ގެފާނެވެ! އަޅުގަނޑުމެން ކުރެ ކޮންމެ މީހަކީ ރޯދަވެރިޔަކަށް ރޯދަ ވީއްލާނޭ އެއްޗެއް ދެވޭ ފަދަ ތަނަވަސްކަން ހުރި މީހެއް ނޫނެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލު ﷲ ގެފާނު ޙަދީޘް ކުރެއްވިއެވެ. "ރޯދަ ވީއްލުމަށް މީހަކަށް ކަދުރެއް ދީފި މީހާއަށް ނުވަތަ ބުއިމަށް ކިރު ކޯވަރެއް ދީފި މީހާއަށް ނުވަތަ ބުއިމަށް ފެންފޮދެއް ދީފި މީހާއަށް ﷲ މިދަރުމަ ދެއްވައެވެ."
މި މަހުގައި ރޭއަޅުކަން ކުރުން ގިނަ ކުރުން ހުއްޓެވެ. ރޭގަނޑުގެ އެންމެ ބަރަކާތްތެރި ވަގުތުތައް ނިދުމާއި ޣާފިލުކަމުގައި ބޭކާރުކޮށް ނުލުން ހުއްޓެވެ. ބުއްދިވެރިންނަކީ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ މީހުންނެވެ. ހެޔޮކަމުގެ ތިލަފަތް ބުރަކޮށްލުމަށް ހެޔޮ ޢަމަލުތަކުގައި ހީވާގިވާ މީހުންނެވެ.