ބާޒާރުމަތީގައި ދިވެއްސަކާއި ބިދޭސީއަކާއި ދެމެދު ހިނގި ހަމަނުޖެހުން ކޮންޓުރޯލްކުރަން މަސައްކަތްކުރި ފުލުހަކަށް ހަމަލާދިނުމުން ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ހަވީރު 16:11 ހާއިރު ބާޒާރުމަތީގައި ބިދޭސީއަކާއި ދިވެއްސެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލްކުރަން އެ ސަރަޙައްދުގައި ޚަރަކާތްްތެރިވި ޓްރެފިކް ފުލުހަކު މަސައްކަތް ކުރުމުން، ފުލުސްމީހާގެ ގައިގާ ޖަހާ މާރާމާރީ ހިންގާފައިވާކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން ބިދޭސީ މީހާއާއި ދިވެހި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، 46 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، ހައްޔަރުކުރި ބިދޭސީ މީހާގެ އުމުރަކީ 24 އަހަރުކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މި ހަމަނުޖެހުމުގައި ދިވެހި މީހާގެ އަނގަމަތިން ކޮންމެވެސް ވަރަކަށް ލޭ އައިސްފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.