އަޅުގަނޑުމެން ގުނަމުން މިދަނީ މަތިވެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. މިއީ އަޅުކަމާއި ހެޔޮކަމުގެ މައްސަރަކަށް ވީ ހިނދު ވަޒީފާގެ މާހައުލުގައި އުޅެން ޖެހުމުގެ ސަބަބުން ނަމާދު ގަޑީގައި ނަމާދުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ މުވައްޒަފުން އެބައުޅެއެވެ. އެއީ އެ މުވައްޒަފުން ވަޒީފާ އަދާކުރާ މާހައުލުގައި ނަމާދު ކުރެވޭނެ ފަދަ އިންތިޒާމެއް ގާއިމްވެފައި ނުވުމުންނެވެ.
ނަމަވެސް ރަމަޟާން މަހާއި ދިމާކޮށް ރާއްޖޭގެ ގިނަ އޮފިސްތަކުން ވަނީ އެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އޮފިސްތަކުގައި ނަމާދު ކޮޓަރިތައް ގާއިމްކޮށްފައެވެ. އެގޮތުން މިއަދު މިވަނީ ދިވެހި ރާއްޖެއަށް ވަދެ ނުކުމެވާ ދޮރާށިތައް ބެލެހެއްޓުމުގެ އެންމެ އިސްދައުރެއް އަދާކުރާ، މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އޮފީހުގައި ތިބެގެން ނަމާދު ކުރެވޭނެ ގޮތައް ނަމާދު ކޮޓަރިއެއް ހުޅުވިފައެވެ.
ބޮޑުތަކުރުފާނުމަގުގައި ހުންނަ ކަސްޓަމްސް ބިލްޑިންގްގެ ގްރައުންޑް ފްލޯރ ގައި ގާއިމްކޮށްފައިވާ އެ ނަމާދު ކޮޓަރި ހުޅުއްވައިދެއްވީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރުއެވެ. އެ ނަމާދު ކޮޓަރިއަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހެޔޮއެދުންތަކާއި އެކު ވަނީ މުޝްހަފުގެ އިތުރުން މުސައްލަ ހަދިޔާކޮށްފައެވެ.
ކަސްޓަމްސް ބިލްޑިންގް ގައި ނަމާދުގެ ހުޅުވުން ވެގެން ދިޔައީ ކަސްޓަމްސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހަކާއި އެކުގައި ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް ހުޅުވުނު ދޮރަކަށެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުންނަށް އެތަނުގެ މެނޭޖުމެންޓުން އެކޮށްދިން ކަންތައް އެ މުވައްޒަފުން ބަލައިގަތީ ހިނިތުންވުމާއި އެކު ޝުކުރުވެރިވާ ހާލުގައެވެ.