2012 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ މަރާލި، އަބްދުލްމުހީތު(ބޮބީ)، މަރާލި ކަމުގެ ކުށް ދެމީހަކު މައްޗަށް ސާބިވެއްޖެއެވެ.
ބޮބީ މަރާލި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ކްރިމިނަލް ކޯޓްގައި ބާއްވާފައިވާއިރު، ކޯޓުން ވަނީ، އޭނާ މަރާލި މައްސަލައިގެ ކުށް ދެމީހަކު މައްޗަށް ސާބިތުވާ ކަމަށް ނިންމައި އެމައްސަލައިގަ ބެލުމުގެ ދަށުގައި ހުރި ތިންވަނަ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ބުނެފައެވެ. ކުށް ސާބިތުވި ދެމީހުންގެ މައްޗަށް އަދި ހުކުމް ކަނޑައެއް ނާޅައެވެ.
އޭނާ މަރާލި މައްސަލާގައި ދަައުލަތުން ކްރިމިނަލް ކޯޓުގައި ތިން މީހަކަށް ދައުވާކުރި އެވެ. އެއީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފާއުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މައިމޫނާއި މުހުޖަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އަދި މުޝައްފައުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައިފަ އެވެ.
މުހީތުގެ މަރާ ގުޅިގެން އިތުރު ތިން މީހެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން ދެ މީހަކު މެރުމަށް އެ ކޯޓުން ހުކުމް ކޮށްފައި ވާއިރު، އެ ހުކުމަށް ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ. އެ ދެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.