އަޅުގަނޑުމެން ގުނަމުން މިދަނީ މަތިވެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. ރަމަޟާން މަސް ފެށުމުގެ ކުރިންނާއި ފެށުމުގެ ފަހުން ރޯދަ ހަދިޔާގެ ގޮތުގައި ބައެއް ރަށްތަކުގެ ކައުންސިލްތަކުން ވަނީ އެރަށްތަކުގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ތަފާތު ހަދިޔާތައް ދީފައެވެ.
ރޯދަ ހަދިޔާ ދިނުމުގައި ފ. ނިލަންދޫ ކައުންސިލަކީ ރާއްޖޭގެ އެހެން ރަށްތަކުގެ ކައުންސިލްތަކަށް ހުރި ނަމޫނާއެކެވެ.
އެގޮތުން އެރަށުގެ ކައުންސިލުން ވަނީ 23 އަހަރު މެދުކެޑުމެއްނެތި ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި އެ ރަށުގެ ހުރިހާ ގޭބީސީ ތަކުގެ ކަރަންޓް ބިލްތަކުގެ 50 އިންސައްތަ ކައުންސިލްގެ ފަރާތުން ރައްޔިތުންނަަށް ދޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި ދައްކަމުންނެވެ. އެ ގޮތުން 2017 ވަނަ އަހަރު ރަށު ކައުންސިލްއިން ވަނީ އެ ފަހަރުގެ ރަމަަޟާން މަހުގައި ރަށުގެ ހުރިހާ ގޭބީސީ ތަކުގެ ކަރަންޓް ބިލްގެ 75 އިންސައްތަ ދައްކާފައެވެ.
މީގެ އިތުރުން މިދިޔަ އެޕްރިލް މަހުގެ ކަރަންޓް ބިލް އާދަޔާ ޚިލާފަށް ބޮޑުކަމަށް ފާހަގަވެފައި ވުމުން އެމަހުގެ ކަރަންޓް ބިލުންވެސް 25 އިންސައްތަ ކައުންސިލްއިން ދޭން އެފަރާތުންވަނީ ނިންމާފައި ކަަމަށް ނިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވިއެވެ.
ޖަލީލް ވިދާޅުވި ގޮތުގައި އެގޮތަށް ކަރަންޓް ބިލް ބޮޑުވުމުގެ ސަބަބުން އެ ފަރާތުން އެއީ ކިހިނެއްވި ކަމެއްތޯ ބެލި ކަމަށާއި، އެގޮތުން ފާހަގަކުރެވުނު ގޮތުގައި އެހެން ދިމާވާން މެދުވެރިވަނީ މިދިޔަ ދުވަސް ކޮޅަކީ އާދަޔާއި ޚިލާފަށް ހޫނު ދުވަސްވަރަކަށް ވެފައި ވާތީ ކަމަށް ސްޓެލްކޯއިން އެބޭފުޅުންނަށް މައުލޫމާތު ދެއްވާފައިވާކަމަށެވެ. އަދި މީގެ އިތުރުން ރަށުގެ ބައެއް ގެތަކަަށް ކަރަންޓް ނުލިބުމުގެ މައްސަލަތަކެއް ދިމާވެފައިވާކަން ފާހަގަކުރައްވައި ޖަލީލް ވަނީ އެކަން ހައްލުކުރުމަށް ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޖަލީލް ވިދާޅުވީ، މިހާރު އެ ރަށުގެ އިންޖީންގެ ހިންމުންދަނީ ރައްޔިތުން ކަމަށާއި އެހެންނަމަވެސް އަވަސް މުސަތަގްބަލެއްގައި އެރަށުގެ އިންޖީންގެ ފެނަކައާއި ހަވާލުކުރަން ރަށުގެ ރައްޔިތުން ނިންމާފަައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމާފައިވަނީ ރަށު ރައްޔިތުންގެ މެދުގައި ނެގި ވޯޓަކުން ކަމަށްވެސް ޖަލީލް ވިދާޅުވިއެވެ.