ހުޅުމާލޭގައި ހޯމަ ދުވަހު ހިނގި ބަސް އެކްސިޑެންޓްގައި މަރުވި 31 އަހަރުގެ ޔުކްރެއިން އަންހެން މީހާގެ ހަށިގަނޑު އޭނާގެ ގައުމަށް ގެންދަން އޭނާގެ އާއިލާއިން އަތުވެއްޖެއެވެ.
ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ މަރުވި ވީމާގެ ހަށިގަނޑު އަނބުރާ އޭނާގެ ގައުމަށް ގެންދިއުމުގެ ކަންތައްތައް އާއިލާއިން މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ.
ހުޅުމާލޭގައި ހޯމަ ދުވަހު ހިނގި އެ އެކްސިޑެންޓުވި އެމްޓީސީސީގެ ބަސް ދުއްވަން އިން ޑްރައިވަރުގެ ބަންދަށް އިއްޔެވަނީ 3 ދުވަސް ޖަހާފައެވެެ.
އަންހެންމީހާ މަރުވީ ޑްރައިވަރު ނިދިޖެހިފައި އިންދާ، ރޭހަށް ލެވިގެން ކޮންޓްރޯލް ނުވެ ދިޔަ ބަސް ދަށުވެގެންނެވެ. އެކްސިޑެންޓްގައި އޭނާގެ ހަށިގަނޑު އޮތީ ޗިސްވެފަ އެވެ. އެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގަ އެވެ.
އިއްޔެ އެމްޓީސީސީން ވަނީ މަރުވި މީހާގެ އާއިލާ ރާއްޖޭގައި ތިބުމުގެ ކަންތައްތަކާއި ހަށިގަނޑު ގައުމަށް ގެންދިއުމުގެ ކަންތަކުގައި އެ ކުންފުނިން އެހީތެރިވާނެ ކަމަށް ބުނެފައެވެ.