ދަތުރުވެރިންގެ މާރުކޭޓުގައި ލެޓިއުސް އަދި ކަރާގެ އިތުރުން ކަނޑޫދޫ މިރުހުގެ އަގު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.
އެގޮތުން އިއްޔަ 150-200ރ އާއި ދެމެދުގެ އަގުތަކެއްގައި ވިއްކި ލެޓިއުސް ކިލޯ މިއަދު ބާޒާރުގައި ލިބެން ހުރީ 120-150ރ އާއި ދެމެދުގެ އަގުތަކެއްގައެވެ.
އަދި އިއްޔެ ބާޒާރުގައި 35-45ރ އާއި ދެމެދުގެ އަގުތަކެއްގައި ހުރި ކަރާ ކިލޯ މިއަދު ލިބެން ހުރީ 30ރ އާއި 35ރ އާއި ދެމެދުގެ އަގުތަކެއްގައެވެެ.
ރަމަޟާން މަހާއި ދިމާކޮށް ބާޒާރުގައި އެންމެ ބޮޑަށް އުފުލިގެން ދިޔައީ ކަނޑޫދޫ ގިތެޔޮ މިރުހުގެ އަގެވެ. އެގޮތުން ރޯދަމަސް ފެށުނު އިރު ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 1،000ރ އާއި 1،200ރ އާއި ދެމެދުގެ އަގުތަކެއްގައެވެ. ނަމަވެސް މިއަދު ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު ވަނީ ފުދޭވަރަކަށް ވެއްޓިފައެވެ. އެގޮތުން މިއަދު ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 700ރ އާއި 800ރ އާއި ދެމެދުގެ އަގުތަކެއްގައެވެ.
ދަތުރުވެރިންގެ މާރުކޭޓުން "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދިން ވިޔަފާރިވެރިއަކު ބުނީ، ރަމަޟާން މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑޫދޫ މިރުހުގެ އަގު ވަރަށް ބޮޑަށް ހެޔޮވެެގެންދާނެ ކަމަށެވެ.
"މިހާރު އެބަލިބޭ ކޮންމެވެސް ވަރަކަށް މިރުސް. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި މިރުހުގެ އަގު ދާނީ ދަށަށް" އޭނާ ބުންޏެވެ.
މީގެ އިތުރުން ކަރާގެ އަގުވެސް ކުރިއަށް އޮތް ދުވަސްތަކުގައި ދަށްވާނެ ކަމަށް ވިޔަފާރިން ބުނެއެވެ.
"މިހާރުވެސް ތޮއްޑޫއިން އެބަ ލިބޭ ކަރާ. އެހެންކަމުން އަގު ދަށްވާނެ" ވިޔަފާރިވެރިއެއް ބުންޏެވެ.
ބާޒާރުގައި ލެޓިއުސްގެ އަގު ވެއްޓިފައިވާއިރު، ލެޓިއުސްގެ އަގުވެސް ދައްވާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ. އެއީ އަތޮޅުތެރޭގެ ރަށްތަކުން ބޭނުންވާ ވަރަށް ލެޓިއުސް ލިބޭނެތީ ކަމުގައި އެފަރާތްތައް ބުނެއެވެ.
ބާޒާރުގައި އަގު އުފުލިފައިވަނީ ލުނބޯގެ އަގެވެ. އެގޮތުން އިއްޔެ ބާޒާރުގައި 30ރ އަށް ލުނބޯ ކިލޯއެއް ލިބެން ހުރި އިރު މިއަދު ލުނބޯ ކިލޯއެއް ލިބެން ހުރީ 40ރ އަށެވެ.