ކުލަ އަލި، ދޮން މޫނެއް ލިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނޫނެވެ. ނަމަވެސް ބައެއް މީހުންނަކީ ދޮން ވާން ބޭނުންވާ މީހުންނެވެ. އެއީ އެމީހުންނަށް ރީތި ގޮތް ކަންނޭނގެއެވެ. ރީތިވުމަކީ ގިނަ މީހުން އެދޭނެ ކަމަކަށް ވުމުން ދޮންވާން ބޭނުން ނަމަ ކުރެވިދާނެ ކަންތައްތަކަށްވެސް ބަލައިލަން އެބަ ޖެހެއެވެ.
ބައެއް މީހުންނަށް ކުރެވިފައި އޮންނަ ކުށްހީއަކީ އޮމާން، ސާފު މޫނެއް ހޯދުމަށްޓަކައި އަގުބޮޑު ކްރިމް އާއި އަގުބޮޑު ސެލޫންތަކުގެ ބޭނުން ޖެހޭނެކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ގޭގައި ހުރެ ވެސް، އަމިއްލައަށް އުފައްދާ 'އުފެއްދުންތައް' ބޭނުންކޮށްގެން ދޮން، ރީތި މޫނެއް ލިބިދާނެއެވެ.
ދޮންވާން ބޭނުން ނަމަ ކުރެވިދާނެ ކަންކަން
ލުނބޯ ހުތް
ލުނބޯއަކީ އާދަޔާ ޚިލާފު ބްލީޗިންގ އޭޖެންޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އެއްޗެކެވެ. އަދި ގަވާއިދުން ލުނބޯ ފަޅިއެއް މޫނުގައި އުނގުޅުމަކީ ހަންގަނޑު އަލިވެ، މީހާ ދޮންކުރުވާ ކަމެކެވެ. މިއީ ދޮންވުމަށްޓަކައި ގޭގައި ހުރެ ކުރެވިދާނެ ކަންތައްތަކުގެ ތެރެއިން އެންމެ އާދައިގެ (ސިމްޕަލް) އަދި ބޭނުންވާ ނަތީޖާ އެންމެ ރަނގަޅަށް ނިކުންނަ ކަންތައްވެސްމެއެވެ.
އަލުވި ދިޔަ
ރޯ އަލުވިން ދިޔަ ފެލައިގެން، އެ ދިޔަ މޫނުގައި އުނގުޅުމަކީ ދޮންވާ ކަމެއްކަން ގިނަ މީހުން ހެކިވާނެއެވެ. އެއިގެ މައިގަނޑު ސަބަބަކަށް ވަނީ އަލުވިއަކީ އޭގެ ޒާތުގައިވެސް ކަޅުކަން ފިލުވަން ބޭނުންކުރާ އެއްޗަކަށް ވުމެވެ. މިގޮތުން އަނިޔާއެއް ލިބިގެން ނުވަތަ ހަމަ ނިދި ނުލިބިގެން ލޯ ކައިރި ހިސާބުގަނޑު ކަޅުވުމުންވެސް އެ ތަނެއް އަލިކުރުމަށް އަލުވި ބޭނުންކުރެއެވެ. އެހެންކަމުން ދޮންވާން ބޭނުންނަމަ ގަވާއިދުން އަލުވި ދިޔަ މޫނުގައި އުނގުޅާށެވެ.
ފިސްކުރި ޓޮމާޓޯ
ރޯ ޓޮމާޓޯ އަކީ އިންސާނުންގެ ހަށިގަނޑަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފައިދާތައް ލިބިދޭ ކާނާއެކެވެ. މިި ގޮތުން މޫނުގެ އޮށާޅައާއި ބިހި ފިލުވުމަށްވެސް ޓޮމާޓޯއަކީ އެފަދަ ދެވަނައެއް ނުވާ 'ބޭހެކެވެ.' މޫނުގައި ގަވާއިދުން ފިސްކޮށްފައިވާ ތާޒާ ރޯ ޓޮމޯޓޯ ހޭކުމުން ލިބޭ ފައިދާތަކުގެ ތެރޭގައި މޫނުގެ ހަންގަނޑު ދޮންވުންވެސް ހިމެނެއެވެ.