އަނެއްކާވެސް ރަމަޟާންމަސް އަހަރެމެންނާ ބައްދަލުކުރީއެވެ. އެ ބަރަކާތްތެރި މަހަށް ހަނދު ފެނުމާއެކީ އަހަރެމެން އެންމެންގެ ހިތްތަކަށް ފިނިކަން ލިބިގެންދިޔައެވެ. ﷲއަށް ކިޔަމަންތެރި ވުމާއި ތަޤުވާވެރިވުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ. މި ބަރަކާތްތެރި މައްސަރަކީ އަޅާއާއި ﷲއާއި ދެމެދުވާ ގުޅުން ވަރުގަދަ ކުރުމަށްވެސް ލިބިގެންދާ އިތުރު ފުރުސަތެކެވެ.
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. މާތްﷲ ވަހީ ކުރެއްވިއެވެ. "އާދަމުގެ ދަރިޔާ ކުރާ ހުރިހާ ޢަމަލެއް ނިސްބަތްވަނީ އޭނާއަށެވެ. އެއީ ރޯދަ ފިޔަވައެވެ. އެ ޢަމަލު ނިސްބަތްވަނީ ތިމަން ﷲ އަށެވެ. އެ އަމަލަށް ޖަޒާ ދެއްވަނީވެސް ހުދު ތިމަން ﷲއެވެ."
ރޯދަމަހަކީ ދިރިއުޅުން ބަދަލުކުރަން ޖެހޭ މައްސަރެކެވެ. އަހަރުގައި އަންނަ އެހެން ދުވަސްތަކާއި ޚިލާފަށް ރަމަޟާން މަހުގައި އަޅުކަމުގައި ޝާމީލްވާންޖެހޭ މިންވަރު އިތުރު ކުރަން ޖެހެއެވެ. ކުރިންވެސް ބުނިހެން އަޅާއާއި ﷲ އާއި ދެމެދު ވާ ގުޅުން ބަދަހިކުރަން ޖެހެއެވެ.
އެ ގޮތުން ޢީބަ ބުނުމާއި، ދެބައޮޑުވުމާއި، ދޮގުހެދުން ފަދަ ކަންތަކުން ދުރުވުމާއި އެކު އެ މައްސަރުގައި ޤުރުއާން ކިޔެވުން އިތުރު ކުރަން ޖެހެއެވެ. ހަމަ އެހެންމެ ވީހާވެސް ގިނައިން ހެޔޮގޮތުގައި މުދާ ހޭދަކުރެވޭތޯ މަސައްކަތް ކުރަން ޖެހެއެވެ. (ހެޔޮ ގޮތުގައި މުދާ ހޭދަކޮށްގެނެއް ދެރައެއް ނުލިބޭނެއެވެ. މާތް ﷲ އެފަދަ މީހުންނަށް ރިޒުގެ އިތުރުކޮށްދެއްވާނެއެވެ.)
އަހަރެމެންގެ ތެރެއިން ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ ރަމަޟާން މަހަކީ ނިދުމަށް އަންނަ މައްސަރެއް ކަމަށެވެ. އެ ގޮތުން ރޭ ގަނޑީގައި ހޭލާ އުޅުމަށްފަހު މި ނިދަނީ ފަތިސްވާ ފަހުންނެވެ. އެއީ ހެޔޮ ގޮތުގައި ރޯދަ ހިފުމެއް ނޫނެވެ.
އޭގެ ބަދަލުގައި ރަމަޟާން މަހަކީ ކަންނެތް ކަމާއި ލޮޑުކަން ދޫކޮށް އަޅުކަން އިތުރުކުރަން ވީ މައްސަރެވެ. ރަމަޟާންމަހަކީ އެ މައްސަރެއްގައި ދަރަޖަ މަތިވެރިކުރެވިގެންވާ، މުސްލިމުން ހެޔޮ ގޮތުގައި އެމައްސަރުގައި ﷲ ސުބުހާނަހޫ ވަތަޢާލާއަށް އަޅުކަން ކުރުމަށް މަގު ފަސޭހަ ކޮށްދިނުމަށްޓަކައި ޝައިތާނުން ކަސްތޮޅު އެޅިފައިވާ މައްސަރެކެވެ.
އެހެންކަމުން މި މައްސަރު ކުޅިވަރާއި މަޖަލުގެ ތެރެއަށް ނުދުއްވައި އޭގެ އެންމެ ހެޔޮގޮތުގައި މި މައްސަރުގެ ބޭނުން ކުރެވޭތޯ މަސައްކަތް ކުރާށެވެ.