ޘަމޫދުބާގައިގެ މީހުންނަކީ އާދު ބާގައިގެ މީީހުންނަށް ފަހު އެންމެ އަރައިގެން އައި މީހުންނެވެ. އެމީހުން ވަޒަންވެރިވެ އުޅުނީ އަރަބިއްޔާގެ އުތުގެ އަވަށެއް ކަމަށްވާ، އަލް-ހަޖްރ ގައެވެ. މި ބިމަކީ ދަނޑުގޮވާންތައް ރަނގަޅަށް ހެދޭ، ބަކަރި ހުއިހައްޕައި އުޅުން ފުރިހަމަ ބިމެކެވެ.

ޘަމޫދު ބާގައިގެ މީހުންނަކީ ގެދޮރު ބިނާކުރުމުގައި އަރާތިބި މޮޅު ބައެކެވެ. މިގޮތުން ބޮޑެތި ފަރުބަދަތަކާއި ހިލަތައް ކަނޑައި އެއިން ގެދޮރު ބިނާކޮށް އުޅުނެވެ. އެމީހުންގެ އަތްމަތި ތަނަވަސްވެ، ހުރިހާ ނިޢުމަތްތަކެއް ލިބުމުގެ ނަތީޖާއަކަށްވީ އެ ބާގައިގެ މީހުން ޣާފިލްކަމެއްގެ ތެރެއަށް ވެއްޓި، ބުދަށް އަޅުކަން ކުރަން ފެށުމެވެ.

ޘަމޫދު ބާގައިގެ މީހުންނަށް ތެދުމަގު ދައްކަވައި ދީނަށް ގޮވައިލެއްވުމަށްޓަކައި މާތްﷲ އެބައި މީހުންގެ ތެރެއިން ބޭކަލަކު ފޮނުއްވެވިއެވެ. އެއީ ޞާލިޙް ޢަލައިހިއްސަލާމް އެވެ. މާތްﷲއަށް އީމާންވެ އެކަލާނގެއަށް އަޅުކަން ކުރުމަށް ޞާލިޙްގެފާނުގެފާނު ޘަމޫދު ބާގައިގެ މީހުންނަށް ގޮވައިލިއެވެ.

ކީރިތި ޤުރުޢާނުގައި ޞާލިޙްގެފާނު ވިދާޅުވި ކަމަށް ހޫދު ސޫރަތުގެ 61 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވެއެވެ.

﴿٦١﴾ ۞ وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا ۚ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۖ هُوَ أَنشَأَكُم مِّنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُوا إِلَيْهِ ۚ إِنَّ رَبِّي قَرِيبٌ مُّجِيبٌ

މާނަ: އަދި ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ صالح ގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! اللَّه އަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އެކަލާނގެ ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވިއެވެ. އަދި އެ ބިމުގައި عمارة ކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވިއެވެ. ފަހެ، ތިޔަބައިމީހުން ފާފަފުއްސެވުންއެދި، އެކަލާނގެއަށް ދަންނަވާށެވެ! ދެން ތިޔަބައިމީހުން، އެކަލާނގެއަށް توبة ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކުއްތަންވެވޮޑިގެންވާ (دعاء) އިޖާބަކުރައްވާ ރަސްކަލާނގެއެވެ.

ޞާލިޙްގެފާނު މަޝްހޫރުވެފައިވަނީ، އެކަލޭގެފާނުގެ ހިތުގެ ޠާހިރުކަމާއި ހެޔޮފުޅުކަމަށެވެ. ﷲ އެކަލޭގެފާނަށް ރިސާލަތު ބާވައިލެއްވުމުގެ ކުރިންވެސް އެކަލޭފާނަކީ ޘަމޫދު ބާގައިގެ މީހުންގެ ތެރޭގައި ޤަދަރުވެރި، މަތިވެރި ބޭކަލަކަށެވެ.

ޞާލިޙްގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނަށް ބުނިކަމަށް ކީރިތި ޤުރުޢާނުގައި ހޫދު ސޫރަތުގެ 62 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ.

﴿٦٢﴾ قَالُوا يَا صَالِحُ قَدْ كُنتَ فِينَا مَرْجُوًّا قَبْلَ هَٰذَا ۖ أَتَنْهَانَا أَن نَّعْبُدَ مَا يَعْبُدُ آبَاؤُنَا وَإِنَّنَا لَفِي شَكٍّ مِّمَّا تَدْعُونَا إِلَيْهِ مُرِيبٍ
މާނަ: "އެއުރެން ދެންނެވޫއެވެ. އޭ صالح ގެފާނެވެ! ހަމަކަށަވަރުން، މީގެކުރިން ތިމަންމެންގެ ތެރޭގައި އެދެވިގެންވާ (މާތް) މީހެއްކަމުގައި ކަލޭގެފާނު ވީމުއެވެ. (އެހެންކަމާއެކުވެސް) ތިމަންމެންގެ ކާބަފައިން އަޅުކަންކުރާ ފަރާތްތަކަށް، އަޅުކަންކުރުން ތިމަންމެންނަށް މަނާކުރައްވަނީތޯއެވެ؟ ހަމަކަށަވަރުން، ތިމަންމެންނަށް ކަލޭގެފާނު ތިޔަ ގޮވައިލައްވާ ކަންތަކާމެދު، ތިމަންމެން މިތިބީ، ވަސްވާސްތެރިކަމުން ފުރިގެންވާ شك އެއްގައިކަން ކަށަވަރެވެ."
އެމީހުން ބޭނުންވީ އެމީހުންގެ ކާބަފައިންގެ ކަލާނގެތަކަށް އަޅުކަން ކުރާށެވެ. ގިނަ މީހުންްވީ ޞާލިޙްގެފާނުގެ ގޮވައިިލެއްވުމަށް ފުރަގަސް ދިން މީހުންގެ ތެރެއިންނެވެ. އެމީހުން ބުނީ ﷲ އަކީ އެއްކައުވަންތަ އިލާޙް ކަމަށާއި އަޅުކަންކުރުން ޙައްގު ރަސްކަލާނގެކަން އަންގައިދޭން މުޢުޖިޒާތެއް ފޮނުވުމަށެވެ.
އެމީހުން އެދުނީ ފަރުބަދަތަކާއި ދިމާލުން އާދަޔާ ޚިލާފު އަންހެން ޖަމަލެއް ފޮނުއްވުމަށެވެ. މާތްﷲ ޞާލިޙްގެފާނުގެ ދުޢާ އިޖާބަ ކުރައްވައި ބޮޑު، އެހެން ޖަމަލުތަކާއި ތަފާތުވެގެންވާ، އާދަޔާ ޚިލާފު އަންހެން ޖަމަލެއް ފޮނުއްވެވިއެވެ. އެ ޖަމަލަކީ 10 މަހަށް ބަނޑުބޮޑުވެފައިވާ، ދިގު، ރީތި، ވަރުގަދަ ޖަމަލަކަށެވެ. މި ޖަމަލު ގިނައިން ފެން ބުއިމަށްފަހު މުޅި އެ ގައުމުގެ މީހުންނަށް ވާ ވަރަށް ކިރު ދެމުން ގެންދިޔައެވެ.
ޢީމާން ނުވި މީހުންގެ ތެރެއިން ބަޔަކު މި ޖަމަަލަށް އަނިޔާވެރިވުމަށް ރޭވުންތައް ރާވަން ފެށިއެވެ. މިކަން ނަހީ ކުރައްވައި ﷲގެ އަޛާބަށް ބިރުވެރތިވުމަށް ޞާލިޙްގެފާނު އެންގެވިއެވެ. ޘަމޫދު ބާގައިގެ މީހުން ޞާލިޙްގެފާނަށް ނުކިޔަމަންތެރިވެ، މާތްﷲ އެބައިމީހުންނަށް މުޢުޖިޒާތެއްގެ ގޮތުގައި ފޮނުއްވި އާދަޔާ ޚިލާފު އަންހެން ޖަމަލު ޤަތުލުކޮށްލިއެވެ.
ޞާލިޙްގެފާނު އެބައިމީހުންނަށް ދެންނެވީ އެބައިމީހުން ތައުބާވުމަށް 3 ދުވަހުގެ މުހުލަތެއް ދެއްވާފައިވާކަމަށެވެ. އެއަށްފަހުވެސް އެބައިމީހުން ތައުބާ ނުވެއްޖެނަމަ އެބައިމީހުންނަށް މާތްﷲ ގެ ގަދަފަދަ އަޛާބު ފޮނުއްވާނެކަމަށެވެ.
އެއަށްފަހުވެސް އެބައިމީހުން ތައުބާނުވުމުން މާތްﷲ އެބައިމީހުން ހަލާކު ކުރެއްވީއެވެ. ގަދަފަދަ ތޫފާނެއް ފޮނުއްވަވައި ޢީމާންވި މީހުން ފިޔަވައި އެންމެން ނެތި ކުރެއްވިއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *