ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަންއެއްގައި އަތުލައިިގަތް އިރާންގެ ބޯޓު ކ.މާލެ ބަނދަރަށް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް އެ ބޯޓު ކ.ވިލިނގިލީގެ ކައިރީގައި އޮތް ފަރަކަށް އަރައިފިއެވެ.
ފުލުހުންގެ މީޑިއާ އިން މައުލޫމާތު ދިންގޮތުން މި ބޯޓު ފަރަށް އެރުމާއި ގުޅިގެން ބޯޓު ފުންކުރުމާއި ހޯދުމުގެ މަސައްކަތް ހިންގާ ގޮތް ބައްލަވައިލެއްވުމަށް ފުލުހުންނާއި ހޯމް އެފެއަރސް އެ މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ އާއި އެމްއެންޑީއެފް ކޯސްޓް ގާޑުންގެ ސީނިއަރ އޮފިސަރުން މިއަދު މެންދުރުގެ ވަގުތެއްގައި ބައިވެރިވެލެއްވިއެވެ.
މި ބޯޓު މާލެ ގެނައުމުގެ މަގުމަތިން ފަރަށް އެރުމާއި ގުޅިގެން ސާޗް ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ފަރުމަތީގައެވެ. ބޯޓު ފުންކުރުމުގެ މަޝްރޫޢު ސިފައިންނާއި ފުލުހުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.
އެސިސްޓެންޓް ކޮމިޝަނަރ މުޙައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި، މި ބޯޓުން މިހައިތަނަށް ވަނީ ބަރުދަނުގައި ގާތްގަނޑަކަށް 51 ކިލޯ ހުރި މަސްތުވާތަކެތި ފެނިފައިކަމަށާއި އަދި ބޯޓު ބަލައި ފާސްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.
ބޯޓުގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކޮމްޕާޓްމެންޓްތަކުގައި ހުރީ އިތުރު ފައިބަރ ލޭޔަރ އެއް އަޅައި ނުފެންނަ ގޮތަށް ފޮރުވާފައިކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
އިއްޔެ ވަނީ ބޯޓުގެ 7 ފަޅުވެރިން ފުލުހުންގެ ދަށަށް ގެނެވިފައެވެ. އަދި މިއަދު ކޯޓުން އެ 7 މީހުންގެ ބަންދުގައި ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. ފުލުހުން ވިދާޅުވީ މައްސަލައިގެ ތަހްގީގް އަދިވެސް ކުރިއަށް އެބަ ދާ ކަމަށެވެ.