މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި މޯލްޑިވްސް ގޭސްއަށް ސާފު ފައިދާގެ ގޮތުގައި 17 މިލިއަން ރުފިޔާ ލިބިއްޖެއެވެ. 

މޯލްޑިވް ގޭސްއިން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެ ކުންފުންޏަށް ލިބިފައިވަނީ 17 މިލިއަން ރުފިޔާއެވެ. 2018 ވަނަ އަހަރު އެ ކުންފުޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 18 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެކަނިވެސް 17 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުމުން، މިއީވަރަށް ބޮޑު ކުރިއެރުމެއްކަމަށް މޯލްޑިވް ގޭސްއިން ބުނެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 8 މިލިއަން ރުފިޔާއަށް ވުރެ 112.5 އިންސައްތައިގެ ކުރިއެރުމެކެވެ.

މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމު "ޖަޒީރާ"އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ހާސިލުކުރަން ބޭނުންވާ ނަތީޖާތައް ހާސިލުކުރުމުގައި މުޅި ކުންފުނި މަސައްކަތް ކުރަމުންދާ ކަމަށާއި، މިދިޔަ އަހަރުގެ މުޅި އަހަރުގެ ސާފު ފައިދާއާއި ހަމަ ކުރެވޭވަރުގެ ޢަދަދެއް ފުރަތަމަ ކުއާޓާގައި ލިބުމުން އެކަން ޔަޤީން ކުރެވޭ ކަމަށެވެ.

"އުންމީދަކީ 2019ވަނަ އަހަރު ނިމިގެންދާއިރު ކުންފުނީގެ ސާފު ފައިދާ 2018ވަނަ އަހަރަށްވުރެ ދެ ގުނަ ބޮޑުވެގެން ދިޔުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން." ޝަޒައިލް ވިދާޅުވިއެވެ.

މޯލްޑިވް ގޭސްގެ ތަފާތު ހިސާބުތަކުން ދައްކާގޮތުގައި 2018ވަނަ އަހަރުގެ ޖެނުއަރީ މަހުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.8 މިލިއަން ރުފިޔާއެވެ. 2019ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ސާފު ފައިދާގެ ގޮތުގައި 7.5 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ، 4.7 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

2019ވަނަ އަހަރުގެ ފެބުރުއަރީ މަހުގައި ސާފު ފައިދާގެ ގޮތުގައި 3.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 02 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 2018ވަނަ އަހަރުގެ މާރިޗު މަހުގައު މޯލްޑިވް ގޭސްގެ ފައިދާގެ ގޮތުގައި 3 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2019 ވަނަ އަހަރުގައި އެ ޢަދަދު ވަނީ 5.7 މިލިއަން ރުފިޔާއަށް އަރާފައެވެ.

މޯލްޑިވްގޭސްއަކީ 1999ވަނަ އަހަރުން ފެށިގެން ގޭހުގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. މީގެ އިތުރުން ރާއްޖޭގެ %95 ހޮސްޕިޓަލުތަކަށް ބޭނުންވާ މެޑިކަލް ގޭސްވެސް ފޯރުކޮށްދެނީ މޯލްޑިވް ގޭސްއިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *