ސުޕްރީމް ކޯޓް ކުރިމަތީގައި އޮންނަ ހުސްބިން ވަގުތީ ޕާކިންގ ޒޯނަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ސީޓީ ކައުންސިލުން ބުނެފިއެވެ.
ރަމަޟާން މަހާއި ދިމާކޮށް މާލޭގެ މަގުތަކުގެ ބާރު ކުޑަކުރުމަށް ކުރާ މި މަސައްކަތް ނިންމައި ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި އެތަން ޕާކުކުރުމަށް ހުޅުވާލާނެކަމަށް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އެ ފަރާތުން ހާމަކުރައްވާ ގޮތުގައި މި ޕާކިންގ ޒޯން ހާއްސަ ކުރެވިފައިވާނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށެވެ.
ސިޓީކައުންސިލުން ހާމަކުރައްވާ ގޮތުގައި މި ގޮތަށް ނިންމާފައިވަނީ އެ ސަރަހައްދަކީ ބާޒާރުމަތި ކަމަށްވެފައި ބޮޑެތި އުޅަނދުތައް ގިނައިން ދަތުރުކުރަންޖެހޭ ސަރަހައްދެއްކަމުންނެވެ.
މި ޒޯން ހެދުމަށްޓަކައި ސްޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ބިމުގެ ވަށައިގެން ރާނާފައިވާ ފާރު ތަޅާލުމުގެ މަސައްކަތް ސިޓީކައުންސިލުން މިހާރުދަނީ ކުރަމުންނެވެ. ރަމަޟާންމަހަކީ މަގުތައް އިތުރަށް ބާރުބޮޑުވާ މަހަކަށްވާތީ ސިޓީ ކައުންސިލުންވަނީ ގަރާޖަށް ލެވޭނެ ވެހިކަލްތައް ގަރާޖުގައި ބެހެއްޓުމަށްވެސް އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން މަޖީދީމަގުގައި، ހީނާމާގެ ގޯތިތެރެ ސާފުކޮށް ވަގުތީގޮތުން ޕާކުކުރެވޭނެ ސަރަަޙައްދެއް ހެދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ސިޓީ ކައުންސިލުންވަނީ ބުނެފައެވެ.
ސިޓީކައުންސިލުން ދަނީ ގާކޮށީ ފްލެޓްތައް ހުރި ބިމުގައިވެސް ޕާކުކުރުމަށް އިތުރު ޖާގަ ހެދުމަށް މަސައްކަތް ކުރަމުންނެވެ.
މީގެއިތުރުން މަޖީދިއްޔާ ކުރިމަތިން އޮންނަ ހުސްބިމާއި، މީރާ ކައިރީ އޮންނަ ހުސްބިމުގައިވެސް ޕާކިން އޭރިއާ ހަދައި، ބޭނުންކުރަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.